20 Dec 2017, 15:20
ރ. ވާދޫގެ ގޮނޑުދޮށް ދުނިޔޭގެ ސަމާލުކަމަށް އައިސްފައި ވަނީ ރޭގަނޑުގެ ވަގުތުގައި އެ ދިއްލާލާ ދިއްލާމުމުގެ ސަބަބުންނެވެ. ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ ވާދޫގެ ގޮނޑުދޮށުގައި ރެދަން ލާ ދުވަސްވަރެކެވެ. ގުދުރަތީ ރީތި މި މަންޒަރު ބަލައިލުމަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އިތުރުން ދުނިޔޭގެ މަޝްހޫރު ޓީވީ ޗެނަލްތަކުން ވެސް އެރަށަށް ގޮސްފައި އެބަހުއްޓެވެ.
ވާދޫ ކައުންސިލްގެ ރައީސް ހުސައިން އަލީ ސަން އަށް ވިދާޅުވީ އެރަށު ގޮނޑުދޮށުން ފެންނަ "ރެދަން" އަކީ މީގެ ކުރިން ވަރަށް ގިނައިން ފެންމަ މަންޒަރެއް ކަމަށެވެ. ނަމަވެސް މިހާރު ފެންނަ ވަރަށް ރެދަން އެންމެ ފަހުން ފެނުނީ 2013 ވަނަ އަހަރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ވާދޫ ގޮނޑުދޮށުގައި ރެދަން ލާފައި--- ފޮޓޯ: ވާދޫ ފޭސްބުކް ޕޭޖް
ވާދޫގެ ވަށައިގެން މި ދުވަސްވަރު ރެދަން ލާފައި އޮންނަ ކަމަށް ހުސައިން އަލީ ވިދާޅުވި އެވެ.
"އެންމެ ބޮޑަށް ހުންނާނީ އެންމެ ދިޔަވަރު ބޮޑު ހިސާބުގައި،"
ރާއްޖޭގެ އެހެން ހިސާބުތަކުން ފެންނަ ރެދަނާއި ވާދޫ ގޮނޑުދޮށުން ފެންނަ ރެދަނުގައި ތަފާތުތަކެއް ވެސް އެބަހުއްޓެވެ. އެރަށު ކައުންސިލްގެ ރައީސް ވިދާޅުވީ "އާންމުކޮށް މި ފެންނަ ރެދަން ސިކުންތެއް ނޫނީ ދޮޅު ސިކުންތެއް ތެރޭ ގެއްލޭ" ކަމަށާއި ވާދޫ ގޮނޑު ދޮށުން ފެންނަ ރެދަން ދެ މިނެޓް ވަންދެން ވެސް ހުންނަ ކަމަށެވެ.
"ރާޅު ޖަހާއިރު ދިއްލާލާފައި އަނެއް ރާޅު ޖަހާއިރު ވެސް ހުންނާނެ ދެ މިނެޓު ނޫނީ މިނެޓެއް ހައި އިރު ދިއްލިފައި،"

ވާދޫ ގޮނޑުދޮށުގައި ރެދަން ލާފައި--- ފޮޓޯ: ވާދޫ ފޭސްބުކް ޕޭޖް
ގުދުތަރުގެ މި ރީތި މަންޒަރުތައް ބަލައިލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަޝްހޫރު ޓީވީތަކުން ވެސް އެރަށަށް ގޮސްފައި އެބަހުއްޓެވެ.
"މީގެ ހަ އަހަރު ކުރިން ނޭޝަނަލް ޖިއޯގްރަފިކް އިން ދެއްކި މިރަށުގައި ރެދަންލުމާ ގުޅޭ ޑޮކިއުމެންޓްރީ އެއް. ޖަޕާނުގެ ޗެނަލަކުން ވެސް ވަރަށް ފަހުން އައި މި މަންޒަރުތައް ބަލާލާ ޑޮކިއުމެންޓްރީއެއް ހަދަން. އެކަމަކު އެބޭފުޅުން ވަޑައިގެންނެވި ދުވަސްވަރާއި ރެދަންލާ ދުވަސްވަރާ ދިމާއެއް ނުވި. ތަންކޮޅެއް ކުރިން ބީބީސީ އިން ވެސް ދެއްކި ކަމަށް ވަނީ ޑޮކިއުމެންޓްރީ އެއް،" ހުސައިން އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓޫރިސްޓުންގެ ސަމާލުކަން ވެސް ވަރަށް ބޮޑަށް ލިބޭ ކަމަށާއި ރެދަން ލާ ދުވަސްވަރު އައުމުން އެކަން އަންގައި ދިނުމަށް ވެސް ގިނަ ބަޔަކު ކައުންސިލްގައި އެދޭ ކަމަށެވެ.
ބޭރުގެ ބައެއް ފަރާތްތަކުން މި މަންޒަރު ސިފަކުރަނީ "ތަރިތައް ކަނޑުން ފެނުމުގެ" ގޮތުގަ އެވެ. ގުދުރަތީ، މި ޖާދުވީ މަންޒަރު ބަލައިލުމަށް މިފަހަރު ވެސް ގިނަ ބަޔަކު ވާދޫ އަށް ދާނެކަން ޔަގީނެވެ.