މެލޭޝިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުން މިހާރު ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މެލޭޝިޔާ ބޮޑުވަޒީރުގެ އަނބިކަނބަލުން ދާތިން ޕަޑުކާ ސެރީ ރޮސްމާހް މަންސޫރާއި ރާއްޖޭގެ ފަސްޓްލޭޑި ފާތިމަތު އިބްރާހިމް ބައްދަލު ކުރައްވައި މަޝްވަރާކުރައްވައިފި އެވެ.

އެ ދެ ބޭފުޅުންގެ ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ހެނދުނު މުލިއާގޭގަ އެވެ.

އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކަށް ބަލާ އިރު ދެ ބޭފުޅުން ވެސް ކުރިއަށްގެންދާ އިޖްތިމާއި މަސައްކަތްޕުޅާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

އެ ދެ ބޭފުޅުންގެ މަޝްވަރާތަކުގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ އެކުދިންނަށް ބޭނުންވާ ހައްގުތައް ޔަގީން ކޮށްދިނުމަށް ކުރެވިފައިވާ ހުރި މަސައްކަތްތަކާއި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

ރައީސް އޮފީހުން ބުނީ ދެ ގައުމުގެ ދެ ފަސްޓްލޭޑީންގެ މަޝްވަރާގެ ތެރެއިން އޯޓިޒަމް ބަލީގެ ކުދިންނަށް އަމާޒޮކޮށްގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވެސް ބައިވެރިވެވަޑައިގެންނެވި އެ މަޝްވަރާ ބައްދަލުވުމުގައި މެލޭޝިޔާ އިން އޯޓިޒަމް ބަލީގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަސައްކަތްތައް މެޑަމް ފާތުން ވަނީ އޮޅުންފިލުއްވާފަ އެވެ.

އެ ބައްދަލުވުމަށް ފަހު ދެ ކަނބަލުން ވަޑައިގަތީ ހުޅުމާލޭގައި ހުންނަ "ފިޔަވަތި" އަށެވެ. އަދި އެތަނުގައި ދައުލަތުން ބަލަހައްޓަމުންދާ ކުދިންނާއި ވަނީ ބައްދަލުކުރައްވައިފަ އެވެ.