20 Dec 2017, 13:57
މެލޭޝިއާގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެކަން ފެނިވަޑައިގަތުމަށް ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު ދެއްވި ޖޮއިންޓް ސްޓޭޓްމެންޓްގައި ރައީސް ވިދާޅުވީ މެލޭޝިއާ އަކީ ރާއްޖެ އަށް އިގްތިސާދީ ގޮތުން ބޮޑެތި އެހީތައް ދެމުން އަންނަ ގައުމެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދަށާއި އުމްރާނީ ތަރައްގީ އަށް އަދި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް މެލޭޝިއާ އިން ދެމުން އަންނަ އެހީ ރައީސް ފާހަގަ ކުރެއްވި އެވެ. އެ އެހީތަކުގެ އިތުރުން މެލޭޝިއާ އިންވެސްޓަރުން ރާޢްޖެ އައިސް ރާއްޖޭގައި އިންވެސްޓް ކުރަން ހުރި ދާއިރާތައް ބަލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދެ ގައުމުގެ ޕްރައިވެޓް ސެކްޓާގެ ގުޅުން ބަދަހިކޮށް ރާއްޖޭގެ އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް މެލޭޝިއާގެ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު މާލެ ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ފަހު، މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެއީ މަތީ ތައުލީމަށް އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމަކާއި ރާއްޖޭގެ ކަލްޗްރަލް ސެންޓްރެއް މެލޭޝިއާގައި ގާއިމް ކުރުމާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ފަޔާ ފައިޓަރުން ތަމްރީނު ކުރުމާއި ސިއްހީ ދާއިރާ އިން ތަމްރީނު ދިނުމާ ގުޅޭ އެއްބަސްވުމެކެވެ.
ދެގައުމުގެ ދެމެދުގައި ކުރި މަޝްވަރާތަކުގެ ތެރެއިން، ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމަށާއި ހައްދު ފަހަނަ އަޅައިދިއުމާއި ޓެރަރިޒަމާ ދެކޮޅަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވަނީ މަޝްވަރާތައް ކޮށްފަ އެވެ.
މެލޭޝިއާ އާއި ރާއްޖޭގެ ގުޅުމަށް 49 އަހަރު ވެފައިވާއިރު، މިއީ ނަޖީބު ރައްޒާގު މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރާއްޖެއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.
ބޮޑުވަޒީރުގެ ދަތުރުފުޅަށް ފަހު މިއަދު ހަވީރު ފުރާވަޑައިގަންނަވާނެ އެވެ.