20 Dec 2017, 13:20
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބަލަހައްޓާ މަރުކަޒު، ފިޔަވައްޗަށް މެލޭޝިޔާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ރޯސްމާ މަންސޫރު ޒިޔާރަތްކުރައްވައިފިއެވެ.
ހުޅުމާލޭގައި ހުންނަ ފިޔަވައްޗަށް ރޯސްމާ ޒިޔާރަތްކުރެއްވި އިރު އަރިހުގައި ރާއްޖޭގެ ފަސްޓްލޭޑީ ފާތިމަތު އިބްރާހިމާއި ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގެންނެވިއެވެ.
ފަސްޓް ލޭޑި ރޯސްމާ ފިޔަވައްޗަށް ކުރެއްވި ޒިޔާރާތުގައި އެތަނުގައި ތިބި ކުދިންނާ ބައްދަލުކުރައްވައި ވަނީ އެކުދިންނާ އެކު ވަގުތުކޮޅެއް ހޭދަކުރައްވައިފައެވެ. އަދި އެކަމަނާ ފިޔަވައްޗަށް ވަޑައިގަތުމުން އެ ތަނުގައި ތިބި ކުދިން ވަނީ އެކަމަނާގެ ޝަރަފްގައި ހާއްސަ އައިޓަމް އެއް ހުށަހަޅައިދީފައެވެ.
އެ ޒިޔާރަތުގައި މެލޭޝިޔާގެ ސަރުކާރުގެ ފަރާތުންވަނީ ފިޔަވައްޗަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މެލޭޝިއާ އިންޓަނޭޝަނަލް ޔޫތު ސެންޓަރުގެ ފަރާތުން ވެދިން އެ އެހީ ހަވާލުކޮށްދެއްވީ އެ ސެންޓަރުގެ ޑިރެކްޓަރު ޑރ. މުހައްމަދު މާލިކީ ބިން މުހައްމަދު ރަޕިއީއެވެ.
މެލޭޝިޔާގެ ބޮޑުވަޒީރުގެ ދެ ކަނބަލުން ރާއްޖެ ވަޑައިގެން އުޅުއްވަނީ ރައީސް އަބްދުﷲ ޔާމީންގެ ދައުވަތަކަށެވެ. އެ ދެކަނބަލުންގެ ރަސްމީ ދަތުރުފުޅު ނިންމާލުމަށްފަހު ފުރާވަޑައިގަންނަވާނީ މިއަދު ހަވީރުއެވެ.