މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުންދާ ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އާ އިމާރާތުގެ މަޝްރޫއު ނިންމުމަށް އެހީތެރިކަން ދެއްވާނެކަމުގެ އިޝާރާތެއް މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ދެއްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމީ މަޝްވަރާތަަކަށްފަހު ދެއްވި ޖޮއިންޓް ސްޓޭޓްމަންޓްގައި ވާހަކަ ފުޅު ދައްކަވަމުން ނަޖީބް ވިދާޅުވީ، ރާއްޖޭގެ މަޝްރޫއުތަށް ކުރިއަށް ގެންދިއުމަށް މެލޭޝިއާ ކުންފުނިތަކަށް ދެއްވާ ފުރުސަތަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ނަޖީބް ވިދާޅުވީ މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްގެން ހަދަމުންގެންދާ 25 ބުރީގެ ފިނޭސް މިނިސްޓްރީގެ މަސައްކަތްތަށް ނިމޭތަން ދެކެން ބޭނުންވާކަމަށެވެ. އަދި އެ މަސައްކަތް ނިންމުމަށް ގާތްގަނޑަކަށް 132 މިލިއަން ޑޮލަރު ބޭނުންވާކަމަށާއި އެ މަސައްކަތް ނިންމުމަށް މި ދަތުރުފުޅުގެ ސަބަބުން އެހީތެރިވެދެވޭނެކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ނަޖީބް ވިދާޅުވިއެވެ.

މިދިޔަ އަހަރު މާޗް މަހުގައި މެލޭޝިއާގެ "ޑަބްލިޔް ޒެޑް އާރު ޕުރޮޕަޓީ" އާ ހަވާލުކޮށްގެން ހަދަމުންގެންދާ އެ އިމާރާތަކީ ދައުލަތުން 1.8 ބިލިޔަން ރުފިޔާ ހަރަދުކޮށްގެން ހަދަން ހަމަޖެހިފައިވާ އިމާރާތެކެވެ. އެއިމާރާތް ފުރަތަމަ އަޅަން ނިންމީ މާލޭގައެވެ.