ރާއްޖެއާ މެލޭޝިޔާއާ ދެމެދު މިވީ 49 އަހަރު ތެރޭގައި އުފެދިފައިވަނީ ވަރަށް ހަރުދަނާ އަދި ގާތް ގުޅުމެއް ކަމަށާއި މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ސަބަބުން، ދެ ގައުމުގެ ދެމެދުގައި އިތުރު ގާތް ކަމެއް އުފެދިގެން ދާނެ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު މުޙައްމަދު ނަޖީބު ބިން ތުން ހާޖީ އަބްދުލްރައްޒާގު ވިދާޅުވެއްޖެއެވެ.

ރާއްޖެއާ މެލޭޝިޔާއާ ދެމެދު މިއަދު ކުރިއަށް ގެންދިޔަ ރަސްމީ މަޝްވަރާތަކަށްފަހު ދެގަައުމުގެ ވެރިން ދެއްވި ގުޅިފައިވާ ބަޔާނުގައި، މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވީ، ރާއްޖެއަކީ އަބަދުވެސް މެލޭޝިޔާއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

ނަޖީބް ވިދާޅުވީ ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމު އެކުގައި މަސައްކަތް ކުރެވެން ހުރި ދާއިރާތަކުން މަސައްކަތް ކުރާނެ ކަމަށާއި އަދި މިވީހާ ތަނަށްވެސް ރާއްޖެއިން ބައިނަލްއަގުވާމީ މައިދާނުގައި ކުރި ބޮޑެތި މަސައްކަތްތަކަށް މެލޭޝިޔާގެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން ވިދާޅުވީ މެލޭޝިޔާއަކީ އަބަދުވެސް ރާއްޖެއާ ގާތް ގުޅުމެއް ބައްވަމުންދާ ގައުމެއް ކަމަށެވެ. އަދި އެކިއެކި ދާއިރާތަކުން މެލޭޝިޔާއިން ވަމުންދާ އެހީތެރިކަން ފާހަގަ ކުރައްވައި މެލޭޝިޔާ ސަރުކާރަށް ރައީސް ޔާމީން ޝުކުރުއަދާ ކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އދ.ގައި ކުރިއަށް ގެންދާ މުހިންމު ކަންތައްތަކުގައި މެލޭޝިޔާއިން ރާއްޖެއަށް އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެކަމުގެ ޔަގީންކަން ބޮޑުވަޒީރު ނަޖީބް ދެއްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ، ޕެރިސް އެގްރީމަންޓް ފަދަ ކަންކަމުގައި މެލޭޝިޔާއިން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަ ކުރައްވާފައެވެ.

ވޭތުވެދިޔަ 33 އަހަރުގެ ތެރޭގައި މެލޭޝިޔާގެ އެންމެ އިސްވެރިއަކު ރާއްޖެވަޑައިގެން މިއީ ފުރަތަމަ ފަހަރެވެ.