ދިެވހި ސިވިލްސާވެންޓުންނަށް މެލެޝިއާގައި ކުރުމުއްދަތުގެ ތަމްރީނުތައް ހެދުމުގެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެއްޖެ އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ދެމެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު، ދެއްވި ޖޮއިންޓް ސްޓޭޓްމެންޓްގައި މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވީ ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް މެލޭޝިއާ އިން ދެމުން އަންނަ އެހީތެރިކަން ކުރިއަށް އޮތްތަނުގައި ވެސް ފޯރުކޮށްދެއްވާނެ ކަމަށެވެ.

"މެލޭޝިއަން ޓެކްނިކަލް އެންޑް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ދިވެހި ސިވިލް ސާވެންޓުންނަށް ކުރުމުއްދަތުގެ ތަމްރީނާ ތަޖުރިބާގެ ފުރުސަތުތައް ކުރިއަށް އޮތްތަނުގައި ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން ރާއްޖޭގެ ރައީސްއަށް އަރުވަން،" މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

ރާއްޖޭގެ 1700 އަށް ވުރެ ގިނަ ދަރިވަރުން މެލޭޝިއާގައި ތައުލީމު ހާސިލު ކުރަމުންދާ ކަމަށާއި ކުރިއަށް އޮތްތަނުގައި މި އަދަދު އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ނަޖީބު ރައްޒާގު ވިދާޅުވި އެވެ.

"ރާއްޖޭގެ 65 އަށް ވުރެ ގިނަ މެޑިކަލް ދަރިވަރުން ވެސް މެލޭޝިއާގައި ތައުލީމު ހާސިލުކުރަމުން އެބަދޭ. އެ ދާއިރާއިން އިތުރަށް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސް ވެވިފައި." ބޮޑުވަޒީރު ވިދާޅުވި އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މިއަދު ވަނީ ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ މަތީ ތައުލީމަށް އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމަކާއި ރާއްޖޭގެ ކަލްޗްރަލް ސެންޓްރެއް މެލޭޝިއާގައި ގާއިމް ކުރުމާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ފަޔާ ފައިޓަރުން ތަމްރީނު ކުރުމާއި، ސިއްހީ ދާއިރާ އިން ތަމްރީނު ދިނުމާ ގުޅޭ އެއްބަސްވުމެކެވެ.