20 Dec 2017, 13:04
މުމްބާއީ (ޑިސެމްބަރު 20): އިންޑިއާގެ ގުޖުރާތުގައި މި މަހު ބޭއްވި މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވި 182 މެމްބަރުންގެ ތެރެއިން 47 މެމްބަރަކާ ދެކޮޅަށް ޖިނާއީ މައްސަލަތައް ހުށަހަޅާފައިވާ ކަމަށް ގުޖުރާތު އިލެކްޝަން ވޮޗް (ޖީއީޑަބްލިއު) އާއި އެސޯސިއޭޝަން ފޯ ޑިމޮކްރެޓިކް ރިފޯމްސް (އޭޑީއާރު)ން ބުނެފި އެވެ.
އެ ދެ ޖަމްއިއްޔާ އިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ގުޖުރާތުގެ އާ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 99 ބީޖޭޕީ މެމްބަރުންގެ ތެރެއިން 18 ޕަސެންޓު މެމްބަރުންނާއި ކޮންގްރެސް ޕާޓީގެ 77 މެމްބަރުންގެ ތެރެއިން 25 ޕަސެންޓު މީހުންނާ ދެކޮޅަށް ޖިނާއީ ކުށުގެ މައްސަލަތައް ހުށަހަޅާފައިވެ އެވެ.
އޭޑީއާރާއި ޖީއީޑަބްލިއު އިން ބުނި ގޮތުގައި ކުރިއާ އަޅާ ބަލާއިރު ކުށުގެ ތުހުމަތުކޮށްފައިވާ މެމްބަރުންގެ އަދަދު މިއަހަރު ވަނީ މަދުވެފަ އެވެ. އެގޮތުން 2012 ވަނަ އަހަރު އިންތިހާބު ކުރި މަޖިލިސް މެމްބަރުންގެ ތެރެއިން 57 މެމްބަރުންނަކީ ކުށުގެ ތުހުމަތު ކުރެވިފައިވާ މެމްބަރުން ކަމަށް އެ ދެ ޖަމްއިއްޔާއިން ބުންޏެވެ.
ނަމަވެސް އެއަހަރާ އަޅާ ބަލާއިރު ސީރިއަސް ކުށެއްގެ ތުހުމަތު ކުރެވިފައިވާ މެމްބަރުންގެ އަދަދު މިފަހަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން މީހަކު މެރުމާއި މީހަކު މަރަން އުޅުމާއި ވައްކަން ކުރުން ފަދަ ސީރިއަސް ކުށްތަކުގެ ތުހުމަތު ކުރެވިފައިވާ 33 މެމްބަރަކު މިދައުރުގެ މަޖިލީހުގައި ހިމެނޭ އިރު 2012 ވަނަ އަހަރުގެ މަޖިލީހުގައި ހިމެނުނީ އެފަދަ 24 މެމްބަރުންނެވެ.
އޭޑީއާރާއި ޖީއީޑަބްލިއު އިން އެދިރާސާ ހަދާފައި ވަނީ މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ހުރިހާ މެމްބަރުން ވެސް ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅި ބަޔާންތައް ބޭނުންކޮށްގެންނެވެ. (އެންޑީޓީވީ)