20 Dec 2017, 12:40
ހދ. ނޮޅިވަރަމުން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެރަށުން ގެއްލިގެން ހޯދަމުންދަނީ އުމުރުން 41 އަހަރުގެ އަންހެނެއް ކަމަށްވާ މަންޒަރުގެ، ޝާހިދާ އަލީ އެވެ.
ނޮޅިވަރަމް ކައުންސިލްގެ ނައިބު ރައީސް އަހްމަދު ރަޝީދު އާދަމް ވިދާޅުވީ، އޭނާ ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ، ހެނދުނު މޫދަށް ގޮސް އައުން ލަސްވެގެން އޭނާގެ ފިރިމީހާ ކަމަށެވެ. އެމީހާ ހޯދުމުގެ މަސައްކަތް ރަށުގެ ރައްޔިތުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ނޮޅިވަރަމުން ގެއްލިގެން ރިޕޯޓުކޮށްފައިވާ އަންހެން މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. އަދި އެމީހާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 11:00 ހާއިރު ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހީމް އާޒިމް ވިދާޅުވީ، އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދާން އޭރިއާގެ ސިފައިން ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ރަށުގެ ވަށައިގެން ކަނޑުގެ ސަރަހައްދު ބަލަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.