20 Dec 2017, 13:08
ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ހޯދައިފައިވާ ކާމިޔާބީތަކާއި ކުރިއެރުންތަކަށް ތައުރީފް ކުރައްވައި އެ ކާމިޔާބީ ހޯދިގޮތް މެލޭޝިއާއިން ދަސްކުރަން ބޭނުންވާކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު ވިދާޅުވެއްޖެއެވެ.
ނަޖީބް ރައްޒާގު އެހެން ވިދާޅުވީ، ރައީސް އޮފީހުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.
ރާއްޖެއަކީ މިހާރު ދުނިޔޭގައި ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ގައުމު ކަމުން، އެ ދާއިރާއިން ރާއްޖެ ކުރިއެރުން ހޯދިގޮތް މެލޭޝިއާއިން ދަސްކުރަން ބޭނުންވާކަމަށް ނަޖީބް ވިދާޅުވިއެވެ.
ނަޖީބް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއެކުވެސް އެ ދާއިރާއިން ރާއްޖެ ހޯދައިފައިވަނީ ހީކުރިވަރަށްވުރެވެސް ބޮޑު ކާމިޔާބީއެއް ކަމަށާއި އެކަމާ އަޖާއިބުވެވަޑައިގަންނަވާ ކަމަށެވެ.
ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ގެނެސް ފަތުރުވެރިންގެ އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހަދާފައިވާކަން ބޮޑުވަޒީރު ނަޖީބު ފާޙަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މެލޭޝިއާގެ ކުންފުނިތަކަށް ފުރުސަތު ލިބުމަށް އުންމީދުކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެރަސްމިއްޔާތުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި، މެލޭޝިއާއަކީ ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ގައުމެއްކަން ފާހަގަކުރައްވައި، އެގައުމުގެ އިންވެސްޓަރުން ރާއްޖޭގައި ލިބެންހުރި ފުރުސަތުތައް ބަލާނޭކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މިއަދުގެ މަޝްވަރާތަކަށް ފަހު ޖުމުލަ ހަތަރު އެއްބަސްވުމެއްގައި ދެ ގައުމުން ވަނީ ސޮއި ކޮށްފައެވެ. ދެ ގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ތައުލީމީ ދާއިރާއިން އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމަކާއި ސިއްހީދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާއި އިގްތިޞާދީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުންތައް ހިމެނެއެވެ.