ދިވެހިރާއްޖެއާ މެލޭޝިޔާ ދެމެދުގައި މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާގެ ތެރެއިން އެންމެ މުހިންމު މައުލޫއެއްގެ ގޮތުގައި، މިހާރު މުޅި އިސްލާމީ އުންމަތް ކަންބޮޑުވުން ފާޅުކުރަމުންދާ މުހިންމު ދެ މައްސަލަ ކަމަށްވާ މިޔަންމާގެ ރޮހިންގާ މުސްލިމުންގެ މައްސަލައާ ފަލަސްތީނުގެ މައްސަލައާ ގުޅޭ ގޮތުން ދެ ގައުމުގެ ވެރިން މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމަށް ފަހު ދެ ގައުމުގެ އެންމެ އިސްވެރިން ދެއްވި ގުޅިފައިވާ ބަޔާނުގައި، މި މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިކަމަށާއި އަދި ގުޅިގެން އެކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރުމަށް ނިންމެވި ކަމަށް ދެ ބޭފުޅުންވެސް ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، އިސްލާމީ އުންމަތް މިހާރަށްވުރެ އެއްބައިވަންތަ ކުރުމަށް ދެ ގައުމު ގުޅިގެން ކުރިއަށް ވުރެ ބޮޑަށް މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އެ މަޝްވަރާތަކުގެ ތެރެއިން މިހާރު އިސްލާމީ އުންމަތަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ ތެރެއިން ފަލަސްތީނު މައްސަލައާ އަދި ރޮހިންގާ މުސްލިމުންގެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެ މައްސަލައަށް ހައްލެއް ގެނައުމަށް ދެ ގައުމު މިހާރަށް ވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކުރަން މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވިއެވެ.

" ހާއްސަގޮތެއްގައި މަޝްވަރާ ކުރެވުނު ފަލަސްތީނު އަދި ރޮހިންގާ މުސްލިމުންގެ މައްސަލައާ ގުޅޭ ގޮތުން. އަދި ރާއްޖެއާ މެލޭޝިއާ ގުޅިގެން އެކަމާ މެދު މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވުނު،" ރައީސް ޔާމީން ވިދާޅުވިއެވެ.

މަޝްވަރާތަަކަށްފަހު މެލޭޝިޔާގެ ބޮޑު ވަޒީރު މުޙައްމަދު ނަޖީބު ބިން ތުން ހާޖީ އަބްދުލްރައްޒާގު ވިދާޅުވީ، ފަލަސްތީނު މައްސަލާގައި އެ ގައުމުގެ ނިންމުން ވަރަށް ސާފު ކަމަށާއި ފަލަސްތީނަކީ މުސްލިމުންގެ ބިމެއް ކަމަށެވެ. އަދި ގުދުސް އަކީ އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގަންނަން ނިންމި ނިންމުމާއި މެލޭޝިޔާ ދެކޮޅު ކަމަށެވެ.

" އެންމެ ފަަހުން އިސްތަންބޫލްގައި ބޭއްވި އޯއައިސީ ސަމިޓްގައިވެސް އަހަރަމެންގެ ސްޓޭންޑް ވަރަށް ސާފު. ގުދުސް އަކީ އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމައި އަހަރަމެން ދެކޮޅު،" އެމަނިކުފާނު ވިދާޅުވިއެވެ.

ނަޖީބު ވިދާޅުވީ އެ މައްސަލާގައި މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރެވޭނެ ގޮތްތައްހޯދައި ރާއްޖެއާ ގުޅިގެން އެ މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވީ، ރޮހިންގާ މުސްލިމުންގެ މައްސަލައަކީ އެ ގައުމުން ވަރަށް ގާތުން ބަަލަމުންދާ މައްސަލައެއް ކަަމަށާއި އެގޮތުން ހާލުގައި ޖެހިފައި ތިބި ރޮހިންގާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ވިދާޅުވީ މިހާރުވެސް ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި މެލޭޝިޔާއިން އެތާ ތިބި ރެފިއުޖީންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ.

ރޮހިންގާ މައްސަލާގައި ކުރެވެން ހުރި ކަންތައްތަކާ ގުޅޭގޮތުން ބޮޑެތި ބާރު ތަކާއިއެކު މަޝްވަރާ ކުރެވުނު ކަމަށާއި އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެސް އެކަން ހުށަހަޅާފައިވާ ކަމަށް ބޮޑުވަޒީރު ނަޖީބު ވިދާޅުވިއެވެ. އަދި ވީހާވެސް އަވަހަކަށް އެ މައްސަލަ ހައްލުވެ ރޮހިންގާ މުސްލިމުން އަނބުރާ އެމީހުންގެ ގައުމަށް ދެވޭނެ ގޮތް ވުމަކީ މެލޭޝިޔާއިންވެސް އެދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި ޓެރަރިޒަމާއި ހައްދުފަހަނަ އަޅާ ދިޔުމާ ދެކޮޅަށް މަސައްކަތް ކުރުމަށްވެސް މަޝްވަރާ ކުރެވުނު ކަމަށް ދެ ގައުމުގެ ވެރިން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ދެ ގައުމު ގުޅިގެން އެ ކަންކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ނިންމެވި ކަމަށް ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަށް މެލޭޝިޔާގެ ބޮޑު ވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ރާއްޖެއާ މެލޭޝިޔާއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.