އދ. (ޑިސެމްބަރު 20): ޔަމަނުން އިއްޔެ ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒަށް ފޮނުވާލި މިސައިލަކީ އީރާނުގެ ހަތިޔާރެއް ކަމަށް ބެލެވޭ ކަމަށް އެމެރިކާއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކީ ހޭލީ ވިދާޅުވެއްޖެ އެވެ.

ރިޔާޒުގައި ހުންނަ ޝާހީ ގަނޑުވަރަކަށް އަމާޒުކޮށް ޔަމަނުގެ ހޫޘީން އިއްޔެ ދިން ހަމަލާ ސައުދީން ވަނީ ނާކާމިޔާބުކޮށްފަ އެވެ. އަދި އެހަމަލާ ދިނުމުން އެނގިގެން ދަނީ އީރާނުން ހޫޘީންނަށް މަދަދުވެރިވަމުންދާ ކަން ކަމަށް ސައުދީން ބުންޏެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސަފީރު ހޭލީ ވަނީ އިއްޔެގެ ހަމަލާ ދީފައި ވަނީ އީރާނުގެ ހަތިޔާރު ބޭނުންކޮށްގެން ޔަމަނުން މީގެ ކުރިން ދީފައިވާ ހަމަލާތަކާ އެއްގޮތަށް ކަމަށް ވިދާޅުވެފަ އެވެ.

އަދި އޭނާ ވަނީ ހުރިހާ ގައުމުތަކުން ގުޅިގެން "އީރާނުގެ ޖަރީމާތައް ހާމަކޮށް އެފަދަ އަމަލުތައް ހުއްޓުވަން ޖެހޭ" ކަމަށާއި އެފަދައިން އަމަލު ނުކޮށްފި ނަމަ އީރާނުގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުންތައް އިތުރުވަމުންދާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ހޭލީ ވަނީ އީރާނާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހުން އެޅިދާނެ ފިޔަވަޅުތަކެއް ފާހަގަ ކުރައްވައިފަ އެވެ. ނަމަވެސް ރަޝިއާ އިން ވަނީ އެފަދަ ފިޔަވަޅުތަކަށް ތާއިދު ނުކުރާނެ ކަން ހާމަކޮށްފަ އެވެ.

އީރާނުން ހޫޘީންނަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް ބުނެ އެގައުމާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް މީގެ ކުރިން އެގައުމުން ވަނީ ދޮގުކޮށްފަ އެވެ.

މިދިޔަ މަހުވެސް ހޫޘީން ވަނީ ސައުދީއަށް ބެލެސްޓިކް މިސައިލެއް ފޮނުވާލައިފަ އެވެ. އެ މައްސަލައިގައި ސައުދީން ވަނީ ޔަމަނުގެ ކަނޑާއި އެއްގަމާއި ވައިގެ ހުރިހާ ބޯޑަރުތަކެއް ބަންދުކޮށްފަ އެވެ. (ބީބީސީ)