ހަރާރޭ(20 ޑިސެމްބަރު): ޒިމްބާބްވޭގެ ކުރީގެ އަސްކަރީ ލީޑަރު ކޮންސްޓެންޓީނޯ ޗިވެންގާ އެގައުމުގެ ނާއިބު ރައީސްކަމަށް އައްޔަނުކުރަން އުޅޭ ކަމުގެ އިޝާރާތެއް އެގައުމުގެ ރައީސް އެމާސަން މުނަންގަގްވާ ކުރައްވައިފިއެވެ.

ޗިވެންގާ އޭނާގެ މަގާމުން ރިޓަޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޒިމްބާބުވޭގެ ރައީސް ވަނީ ޗިވެންގާ ގައުމަށް ކޮށްދެއްވައިފައިވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފައެވެ.

" ޗިިވެންގާއަށް ދެން އަރުވާ މަގާމުގައިވެސް އޭނާ މަގާމުގެ ޒިންމާ ފުރިހަމައަށް އަދާކޮށް ވަފާތެރިކަމާއެކު ހުރުމަށް އަޅުގަނޑު ދަންނަވަން،" އެމާސަން ވިދާޅުވިއެވެ.

ޗިވެންގާ ވަނީ ޒިމްބާބުވޭއަށް ގެނައި ބަޣާބާތުގައި ވަރަށް އިސްދައުރެއް އަދާކުރައްވައިފައެވެ. އެހެންކަމުން މިހާރު ބެލެވިފައިވާގޮތުގައި ނާއިބު ރައީސްކަމަށް އައްޔަނުކުރެއްވުން އެންމެ ގާތީ ޗިވެންގާއެވެ.

އެމާސަން ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ވަނީ އެގައުމުގެ އަސްކަރިއްޔާގެ ސީނިއާ ގިނަ ލީޑަރުންތަކެއް އޭނާގެ ކެބިނެޓުގައި ހިމަނައިފައެވެ. ބައެއް ސިޔާސީ މުރާސިލުން ބުނާގޮތުގައި އެމާސަންގެ އެ ފިޔަވަޅަކީ އަސްކަރިއްޔާގެ ބާރު އެގައުމުގެ ސަރުކާރުގައި ވަރަށް ބޮޑަށް އަންގައިދޭ ހެއްކެކެވެ.

އަސްކަރިއްޔާގައި މަސައްކަތްކުރެއްވި ގިނަ ބަޔަކު އެގައުމުގެ ސިޔާސީ މުހިންމު މަގާމުތަކަށް އައްޔަނުކުރަމުންދާ މައްސަލައިގައި ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވަމުންދާތީވެ، ޒިމްބާބުވޭގެ ރައީސަށް ލަފާދޭ ހާއްސަ މުޝީރު ކްރިސް މުޓުސްވަންގްވާ އެ ކަމަށް ރައްދުދެއްވައި ވިދާޅުވީ، މީގެ ކުރިންވެސް ޒިމްބާބުވޭގައި ކަންތައްތައް ހިނގައިފައިވަނީ އެގޮތަށް ކަމަށެވެ.

ކްރިސް ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެބިނެޓުގައި ވެސް ކުރީގެ އަސްކަރީ ޖެނެރަލުން އައްޔަނުކުރައްވައިފައިވާ ކަމަށެވެ.

ކްރިސް ވަނީ އަންނައަހަރު އެގައުމުގައި ބާއްވާ ރިޔާސީ އިންތިހާބުގައި އަސްކަރިއްޔާއިން އެއްވެސް ދައުރެއް އަދާނުކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ޒިމްބާބުވޭގެ ވެރިކަން ކުރާ ޒަނޫ- ޕީއެފް އިން ކާމިޔާބުކުރަން ބޭނުންނަމަ އެގައުމުގެ އިގްތިސާދު ހަރުދަނާ ކުރަން ޖެހޭ ކަމަށް އެގައުމުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު: ރޮއިޓާސް