10 Aug 2011, 11:12
އާސެނަލް ދޫކޮށް ދާން ބޭނުން ކަމަށް ނިންމާފައިވާ ދެ ކުޅުންތެރިން ކަމަށްވާ ސްޕެއިންގެ ސެސް ފެބްރިގާސް އާއި ފްރާންސްގެ ސާމިރު ނަސްރީ ކްލަބް ދޫކޮށް ދިއުން ވަރަށް ގާތްކަމަށް އެކްލަބްގެ ފޯވާޑް މާރުއާން ޗަމަކް ބުނެފި އެވެ.
ނަސްރީ ހޯދުމަށް މެންޗެސްޓާ ސިޓީން ކެނޑިނޭޅި މަސައްކަތް ކުރަމުން ދާއިރު، ބާސެލޯނާއިން ދަނީ ކެޕްޓަން ފެބްރިގާސް ހޯދުމަށް މިދިޔަ ސީޒަނުން ފެށިގެން މަސައްކަތް ކުރަމުންނެވެ. ޗަމަކް ގަބޫލުކުރާ ގޮތުގައި އެކަންތައް ތަކަކީ ދުވަސް ކޮޅެއްގެ ކަމެކެވެ.
"ދެކުޅުންތެރިން ވެސް ކްލަބް ދޫކޮށް ދިއުން ވަރަށް ގާތް. ކޯޗަށް ވަރަށް އުނދަގޫ ނިންމުމަކަށް ވެގެންދާނީ. އަހަރެންނަށް ހިއެއްނުވޭ މިއީ ފައިސާ އަށް ބަދަލުވުމެއްހެން. ކޯޗް ވެންގާ ބޭނުން ވަނީ ފެބްރިގާސް އާއި ނަސްރީއަށް ކެރިޔަރުގައި ކާމިޔާބީ. އެދެކުޅުންތެރިން އާސެނަލް ދޫކޮށް ދިއުމުގެ ކުރިން ކޯޗް ވެންގާ އިތުރު އެމަގާމުތަކަށް ކުޅުންތެރިން ހޯދާނެކަމަށް ބެލެވޭ." ޗަމަކް ބުންޏެވެ.
އެއް ކުޅުންތެރި އެއް ދޫކޮށްލުމުގެ ހިޔާލު ކްލަބުން ގެންގުޅޭ ކަމަށް ބެލެވޭ ކަމަށްވާނަމަ
އެކުޅުންތެރިޔަކީ ކޮން ކުޅުންތެރިއެއްކަން ކަނޑައެޅުމަށް ކްލަބަށް އުނދަގޫވާނެ ކަމަށް ޗަމަކް ގަބޫލުކުރެ އެވެ.
"ކްލަބަށް މިހާރު ދިމާވެފައިވާ ކަންތައްތަކާއިހެދި ހީވާގޮތުން ކްލަބުން ބޭނުންވަނީ އެއްކުޅުންތެރިއެއް ދޫކޮށްލަން. ފެބްރިގާސް އެތައް ސީޒަނަކު ބާސެލޯނާ އަށް ބަދަލުވާން ބޭނުންވި. އޭނާ އުފަންވީވެސް ބާސެލޯނާގައި. ނަސްރީއަށް ބާކީ އޮތީ އެއްސީޒަން. އެހެންކަމުން މިސީޒަން ނިމުމުން ނަސްރީއަށް ހިލޭ ޓްރާންސްފާ އެއްގެ ގޮތުގައި ބަދަލުވެވޭނެ." ޗަމަކް ބުންޏެވެ.
އާސެނަލްއިން އަންނަ ޗެމްޕިއަން ލީގް ކޮލިފައިންގެ މެޗްގައި ޔުދިނޭސީ އާއި ދެކޮޅަށް ކުޅޭ މެޗްގެ ސްކޮޑަށް ނަސްރީ އާއި ފެބްރިގާސްގެ ނަންވެސް ހިމަނާފައި ވެއެވެ.
މިހާރު އުފެދޭ ސުވާލަކީ މިދެކުޅުންތެރިން ޓީމަށް އަރުވައިގެން ރަނގަޅު ކުޅުމެއް ދެއްކިދާނެބާއެވެ؟ ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެނަމަ ފެބްރިގާސް ބާސެލޯނާ އާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކަފާނެބާއެވެ؟ އަދި ނަސްރީ މެންސިޓީ އާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކަފާނެބާއެވެ؟