ދިވެހި ރާއްޖެ އާއި މެލޭޝިޔާއާ ދެމެދު ރަސްމީ މަޝްވަރާތައް ފަށައިފި އެވެ.

ރަސްމީ މަޝްވަރާތައް ފަށާފައި ވަނީ މިހާރު ރައީސުލްޖުމުހުރިއްޔާގެ އޮފީހުގައި ކުރިއަށްދާ ހާއްސަ މަޝްވަރާ ބައްދަލުވުމެއްގަ އެވެ.

ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މެލޭޝިޔާގެ ބޮޑުވަޒީރު މުޙައްމަދު ނަޖީބު ބިން ތުން ހާޖީ އަބްދުލްރައްޒާގާއި މެލޭޝިޔާގެ ކެބިނެޓްގެ އިސްވެރިން އެ މަޝްވަރާތަކުގައި ބައިވެރިވަޑައިންނަވާ އިރު ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ކެބިނެޓް މެމްބަރުން ގެންދަވަނީ ބައިވެރިވެވަޑައިގަންނަމުންނެވެ.

މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ ތެރޭގައި ރާއްޖެ އަށް އިންސާނީ ވަސީލަތް ފޯރުކޮށްދިނުމާ ގުޅޭ ގޮތުންނާއި ރާއްޖޭގެ ދިފާއީ ދާއިރާ ހަރުދަނާކުރުމާއި ސަލާމާތީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ މަޝްވަރާތައް ހިމެނެ އެވެ. އަދި މެލޭޝިޔާގައި މަތީ ތައުލީމް ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނަށް ފަހިގޮތެއް ހޯދައިދިނުމާ ގުޅޭ މަޝްވަރާތައް ވެސް ވަނީ ކުރުމަށް ހަމަޖެހިފަ އެވެ.

އެ މަޝްވަރާތަކަށް ފަހު ދެ ގައުމުން "ޖޮއިންޓް ސްޓޭޓްމެންޓްއެއް" ނެރުމަށް ހަމަޖެހިފައިވާ އިރު ރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވާނީ ރައީސް ޔާމީނެވެ. މެލޭޝިޔާގެ ފަރާތުން އެ ސްޓޭޓްމަންޓް ނެރެދެއްވާނީ ބޮޑުވަޒީރު ނަޖީބް ރައްޒާގެވެ.

މަޝްވަރާތަކަށް ފަހު ޖުމުލަ ހަތަރު އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކުރާނެ އެވެ. ދެ ގައުމުގެ ދެމެދުގައި ސޮއިކުރާ އެއްބަސްވުންތަކުގެ ތެރޭގައި ތައުލީމީ ދާއިރާއިން އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމަކާއި ސިއްހީދާއިރާ އިން އެހީތެރިކަން ފޯރުކޮށްދިނުމާއި އިގްތިޞާދީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުންތައް ހިމެނެ އެވެ.