ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މެލޭޝިޔާގެ ބޮޑުވަޒީރު މުޙައްމަދު ނަޖީބު ބިން ތުން ހާޖީ އަބްދުލްރައްޒާގަށް ދިވެހި ސިފައިން މަތީ ޝަރަފުގެ ކުރުނީސްއެއް އަރުވައިފިއެވެ.

އިއްޔެ ރާއްޖެ ވަޑައިގެން މެލޭޝިޔާގެ ބޮޑުވަޒީރު މިއަދު ހެނދުނު މާލެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ދެ ކަނބަލުންނެވެ.

ބޮޑުވަޒީރުގެ ދެކަނބަލުން އިއްޒުއްދީނު ފާލަމަށް ފައިބާވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ސްކޫލް ކުދިންވަނީ ހާއްސަ މަރުހަބާގެ ލަވައެއް ހުށަހަޅައިދީފައެވެ.

އެއަށްފަހު ދިވެހިރާއްޖޭގެ ދިފާއިބާރުގެ ފަރާތުންވަނީ ބޮޑުވަޒީރުގެ ޝަރަފްގައި 7 ބަޑީގެ ސަލާމެއް އަރުވައި ހާއްސަ ޝަރަފުގެ ކުރުނީސްއެއްއެރުވިއެވެ. އަދި ދެ ގައުމުގެ ގައުމީ ސަލާމްވެސް ވެސް ވަނީ ކުޅެފައެވެ.

އެ ރަސްމިއްޔާތަށްފަހު ރައީސް ޔާމީންވަނީ ދިވެހި ކެބިނެޓްގެ ވަޒީރުން މެލޭޝިޔާގެ ބޮޑު ވަޒީރަށް ތައާރަފްކޮށްދެއްވާފައެެވެ. ރަސްމިއްޔާތު ނިންމާލުމަށްފަހު ބޮޑުވަޒީރު ނަޖީބް ރައްޒާގު ރައީސް އޮފީހަށް ވަޑައިގަތީ ހަތްކޮޅުގައެވެ.

ޖުމުހުރީ މައިދާނުގައި ކުރިއަށް ދިޔަ އެ ރަސްމިއްޔާތުގައި ދެ ގައުމުގެ އިސްވެރިންވަނީ ބައިވެރިވަޑައިގަނެފައެވެ.

މިއީ 33 އަހަރަށް ފަހު މެލޭޝިޔާގެ ބޮޑުވަޒީރަކު ރާއްޖެ ޒިޔާރަތްކުރައްވާ ފުރަތަމަ ފަހަރެވެ.

ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއެކު ރަސްމީ މަޝްވަރާތައް ކުރުމަށްވަނީ ހަމަޖެހިފައެވެ. އެ މަޝްވަރާތަކުގެ ތެރޭގައި އިންސާނީ ވަސީލަތް ފޯރުކޮށްދިނުމާ ގުޅޭގޮތުންނާއި ރާއްޖޭގެ ދިފާއީ ދާއިރާ ހަރުދަނާކުރުމާއި ސަލާމާތީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ މަޝްވަރާތައް ހިމެނެއެވެ.

ރާއްޖެއާ މެލޭޝިޔާއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ދެ ގައުމުގެ ދެމެދުގައި ސޮއިކުރާ އެއްބަސްވުން ތަކުގެ ތެރޭގައި ތައުލީމީ ދާއިރާއިން އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމަކާއި ސިއްހީދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާއި އިގްތިޞާދީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުންތައް ހިމެނެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ދައުވަތަކަށް މެލޭޝިޔާގެ ބޮޑުވަޒީރު އިއްޔެ ރާއްޖެ ވަޑައިގެންފައިވާއިރު ދެގައުމުގެ ދެމެދުގައި ކުރިއަށްދާ ރަސްމީ މަޝްވަރާތައް މިއަދު ފެށިގެންދާނެއެވެ.

މި ދަތުރުފުޅަކީ ދެ ދުވަހުގެ މުއްދަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.