ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާ ސަފީރުކަމުން ވަކިކުރި ޒާހިޔާ ޒަރީރަށް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމު ދެއްވައިފިއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޒާހިޔާއަށް އެ މަގާމުދެއްވިކަން ސަރުކާރުގެ އޮފިޝަލަކު ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ.

ރާއްޖެއިން ލަންކާއަށް ކަނޑައަޅާ ސަފީރު ކަމަށް ޒާހިޔާ ހަމަޖެއްސެވީ 2014 ވަނަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުއެވެ. އަދި އޭނާ އެ މަގާމުން ވަކިކުރީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ. ލަންކާއަށް ކަނޑައަޅާ ސަފީރުކަމުން ޒާހިޔާ ވަކިކުރީ ކީއްވެ ކަމެއް ސަރުކާރުން ބުނެފައެއްނުވެއެވެ.

ޒާހިޔާ ވަކިކުރެއްވުމަށްފަހު ލަންކާއަށް ރާއްޖެއިން ސަފީރެއްގެ ގޮތުގައި ކަނޑައެޅީ މުހައްމަދު ހުސައިން ޝަރީފެވެ.

ޒާހިޔާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.