އަންހެނުންތަކަކާއެކު ހއ. އުތީމުން އެ އަތޮޅު މުރައިދުއަށް ދަތުރު ކުރި ދޯންޏެއް މުރައިދޫ ނެރުގެ ފައިކައްޓަށް އަރައި 50،000 ރުފިޔާއަށްވުރެ ބޮޑު ގެއްލުން ވެއްޖެއެވެ.

މިއަދު އިރުއޮއްސި 7:30 އެހައިކަންހާއިރު، އެ ހާދިސާ ހިނގާފައިވަނީ އުތީމުން ފުޓްސަލް މެޗެއް ކުޅުމަށް އަންހެނުން ހިމެނޭގޮތަށް 22 މީހުންނާއެކު ދަތުރު ކުރަމުންދަނިކޮށެވެ. އެދޯނިން ހަތަރު އަންހެނަކު ވަނީ ދަތުރުކޮށްފައެވެ. ނަމަވެސް ތުއްތު ކުއްޖަކު ނެތެވެ.

ހާދިސާ ހިނގި ވަގުތު ދޯނީގައި ހަރަކާތްތެރިވި މީހެއް ކަމަށްވާ ހުސައިން ރަމީޒު "ސަން" އަށް ކިޔައިދިންގޮތުގައި ދޯންޏަށް ލިބުނު ގެއްލުން ފިޔަވައި ދޯނީގައި ހުރި މުދާތަކަށް ލިބުނު ގެއްލުން ގާތްގަނޑަކަށް 50،000 ރުފިޔާ އަށް އަރާނެ ކަމަށެވެ. އަދި ދޯނީގެ އިންޖީނު ކައިރިން ދެ ފޫޓެއްހާތަން ފަޅައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

"ހާދިސާ ހިނގުމުން އެންމެން މޫދަށް ފުންމާލީ. ދެން ފިރިހެން ވެރިން ވެގެން އަންހެން ވެރިން އެއްގަމަށް ގެންދިޔައީ. އެ މީހުންގެ ތެރޭގައި ހަތަރު އަންހެންނުނާއި ފުރާވަރުގެ 15 ވަރަކަށް ކުދިން ތިިބި،" ހުސައިން ބުންޏެވެ.

އެ ހާދިސާ އާ ގުޅޭގޮތުން އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ސަން" އަށް ވިދާޅުވީ ދޯނީގައި ތިބި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށާއި އެގޮތުން ދެ އަންހެންނަކަށް ނަފްސާނީ މައްސަލަތަކެއް ދިމާވެ، މުރައިދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

"އެކި މީހުންނަށް ވަނީ ކުދިކުދި ގެއްލުންވެފައި. އެގޮތުން ދެ އަންހެނަކަށް ނަފްސާނީ ގޮތުން ގެއްލުންވެ މުރައިދޫ ސިއްހީ މަރުކަޒުގައި ވަނީ ފަރުވާދެވިފައި. އަދި އިތުރު ދެ މީހެއްގެ ފައި ވަނީ ހަލާކުވެ ކަފައިގެން ގޮއްސައި. މި މީހުންނަށް ވެސް މިހާރު ވަނީ ފަރުވާދެވިފައި،" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ އެ ދޯނިން ދަތުރުކުރި ހުރިހާ މީހުންވެސް މިހާރު ވަނީ ފުލުހުންގެ އެހީތެރިކަމާއެކު އުތީމަށް ގެންގޮސްފައި ކަމަށެވެ. އަދި ފުލުހުންގެ އެހީތެރިކަމާއެކު ދޯނި މިހާރު ވަނީ ފުންކުރެވިފައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުރައިދޫގެ ނެރަކީ މަދުން ނަމަވެސް މިފަދަ ހާދިސާތައް ހިނގާ ނެރެކެވެ. މޫސުން ގޯސްވެ ކަނޑު ގަދަވާ ދުވަސްވަރު އެ ނެރުގެ ބޭނުން ރޭގަނޑުގެ ވަގުތު ނުހިފޭ ކަމަށް މުރައިދޫ ކައުންސިލުން ބުންޏެވެ.