20 Dec 2017, 00:21
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގެ ރީތިކަމަށް ތައުރީފު ކުރައްވައިފިއެވެ.
މޫދާ ދިމާއަށް ހުއްޓިވަޑައިގެން ހުންނެވި ފޮޓޯއެއް ޓްވީޓްކުރައްވައި ނަޖީބު ރައްޒާގު ވިދާޅުވީ ބިޒީ ޝެޑިއުލުން ހުސްވަގުތުކޮޅެއް ހޯއްދަވައިގެން މާތް ރަސްކަލާނގެ ކުޅަދުންވަންތަ ކަމުގެ ފުރިހަމަ މިސާލެއްގެ ހިތްހަމަޖެހުން ހޯއްދަވަނީ ކަމަށެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަތީ މިއަދު ހަވީރުއެވެ. މި ދަތުރުފުޅުގައި ތިން ދާއިރާ އަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރައްވާނެ ކަމަށެވެ. އެގޮތުން މަތީ ތައުލީމާ ސިއްހީ ދާއިރާ އަދި ޓުއަރިޒަމް ދާއިރާއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރާނެ ކަމަށް ނަޖީބު ރައްޒާގު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.
— Mohd Najib Tun Razak (@NajibRazak)
ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއެކު ރަސްމީ މަޝްވަރާތައް ކުރުމަށްވަނީ ހަމަޖެހިފައެވެ. އެ މަޝްވަރާތަކުގެ ތެރޭގައި އިންސާނީ ވަސީލަތް ފޯރުކޮށްދިނުމާ ގުޅޭގޮތުންނާއި ރާއްޖޭގެ ދިފާއީ ދާއިރާ ހަރުދަނާކުރުމާއި ސަލާމާތީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ މަޝްވަރާތައް ހިމެނެއެވެ.
ރާއްޖެއާ މެލޭޝިޔާއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ދެ ގައުމުގެ ދެމެދުގައި ސޮއިކުރާ އެއްބަސްވުން ތަކުގެ ތެރޭގައި ތައުލީމީ ދާއިރާއިން އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމަކާއި ސިއްހީދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ އެއްބަސްވުމެއް ހިމެނެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ދައުވަތަކަށް މެލޭޝިޔާގެ ބޮޑުވަޒީރު މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު ދެގައުމުގެ ދެމެދުގައި ކުރިއަށްދާ ރަސްމީ މަޝްވަރާތައް އޮންނާނީ މާދަމާއެވެ.