މިއަހަރު ބޮޑު ޚަރަދެއް ކުރަމުންދާ ރަޝިޔާގެ ކްލަބް އަންޒީ މަކަޗްކަލައަށް، އިންޓަމިލާންގެ ސެމުއެލް އެޓޫ ގެންދިއުން ވަރަށް ގާތް ކަމުގައި އެޓޫގެ އެޖެންޓް ބުނެފި އެވެ.

ރޮބާޓޯ ކާލޮސްގެ ކެޕްޓަންކަމުގެ ދަށުގައި ކުޅެމުން އަންނަ އަންޒީއަށް މިސީޒަންގައި މަޝްހޫރު ކުޅުންތެރިންތަކެއް ގެންދިއުމަށް މަސައްކަތް ކޮށްފައިވެ އެވެ.

އަންޒީ އަށް ގެންދިއުމަށް އެ ޓީމުން ބޭނުންވާ ނަން މަޝްހޫރު ކުޅުންތެރިންގެ ލިސްޓްގެ އެންމެ ކުރީގައި އުޅޭ ކެމަރޫންގެ ފޯވާޑް އެޓޫ 42، ގެންދިއުމަށް އަންޒީއިން ވަނީ މީގެ ކުރިން ވެސް ކެނޑިނޭޅި މަސައްކަތް ކޮށްފައެވެ.

އިންޓަމިލާންއަށް މިދިޔަ ސީޒަންގައި 37 ލަނޑު ކާމިޔާބުކޮށްދިން އެޓޫއަށް އަންޒީއިން ކިޔާފައިވަނީ 35 މިލިޔަން ޕައުންޑެވެ.

ކުރިން އެޓޫ އަންޒީ އާއި ގުޅެން ބޭނުންނުވީ އަންޒީއަކީ ޗެމްޕިއަންސް ލީގަށް ކޮލިފައިވާ ޓީމަކަށް ނުވާތީ އެވެ.

އަންޒީއިން އިތުރު 20 މިލިޔަން ޕައުންޑްގެ އިނާޔަތެއް ސީޒަނަކަށް ދޭން ނިންމުމުން އެކަން ކަމަށް އެއްބަސްވެފައިވާ ކަމަށް އެޓޫގެ އެޖެންޓް ކްލައުޑިއޯ ވިގޮރެއްލީ ވަނީ ބުނެފަ އެވެ.

"އަންޒީއާއެކު މިހާރު އެއްބަސްވުމަކަށް އާދެވިއްޖެ. އަހަރެމެން މިހާރު އުންމީދު ކުރަމުން މިދަނީ ދެ ކްލަބުން ވެސް މިކަމަށް އެއްބަސްވާނެ ކަމަށް." އެޓޫގެ އެޖެންޓް ބުންޏެވެ.

މީގެ ދުވަސްކޮޅެއްކުރިން އިންޓަ މިލާންގެ ރައީސް މަސިމޯ މޮރާޓީ އަންޒީއިން އެޓޫ އެކްލަބަށް ގެންދި އުމަށް އަގެއް ކިޔައިފިކަން ކަށަވަރު ކޮށްދީފައި ވެއެވެ.

"އަންޒީއިން އެޓޫއަށް ވަރަށް ރަނގަޅު އަގެއް ކިޔާފައިވޭ. މިހާރު އެކަން އޮތީ އިންޓާމިލާނާ އެޓޫގެ އަތް މަތީގައި." މަރާޓީ ބުންޏެވެ.