19 Dec 2017, 22:10
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވާތީ، އެކަމާ ހަސަދަވެރިވާ ބަޔަކު އެބަތިކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން ފޮނުއްވި ޚިތޯބުގައެވެ. ރައީސް ވިދާޅުވީ ބޭރުގެ އެކި ފިއްތުންތައް ކުރިމަތި ކުރުވައި ދީނީ އަގީދާ ބަލިކަށިކުރުވުމަށް، އެތެރެއާއި ބޭރުން މަސައްކަތްކުރަމުންދާ ކަމަށެވެ.
"މިކަމާމެދު އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ ހޭލާންޖެހެއެވެ. އެފަދަ ފިކުރުތަކަށް މި ފަސްގަނޑުން އެއްވެސް ޖާގައެއް އަޅުގަނޑުމެން ދީގެނެއް ނުވާނެއެވެ." ރައީސް ގެ ޚިތާބުގައި ވިދާޅުވިއެވެ.
އެ ޚިތޯބުގައި ރައީސް ވިދާޅުވީ މާތްﷲ ރާއްޖެއަށް މިންވަރު ކުރައްވާފައިވާ އެންމެ މަތިވެރި އަދި އެންމެބޮޑު ނިއުމަތަކީ އިސްލާމްދީނުގެ ނިއުމަތް ކަމަށެވެ. އަދި އިސްލާމްދީނުގެ މަތިވެރި އަގީދާގައި އަދި އެދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަކީ، އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މާތްވެގެންވާ އިސްލާމްދީނުގައި ނުގުޑާފަދަ ވަރުގަދަ އަޒުމަކާއެކު ފައިތިލަ ސާބިތުކޮށްގެން ތިބުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވައިފައެވެ. ރައީސް ވިދާޅުވީ އިގްތިސާދީ، އިޖުތިމާއީ އަދި ސިޔާސީ ކުރިއެރުން ބިނާވެފައި އޮންނާނީ، އެ ދީނުގައި ހިފެހެއްޓި މިންވަރެއްގެ މައްޗަށްކަން އަބަދުވެސް ހަނދާން ބަހައްޓަންޖެހޭ ކަމަށެވެ.