އުފާވެރިކަން މާނަ ކުރަނީ ކިހިނެއް ހެއްޔެވެ؟ އަމިއްލަ ދިރިއުޅުން އުފާވެރިތޯ އަމިއްލަ ނަފުސާ ސުވާލު ކުރަން ހެއްޔެވެ؟ މިހާރަށްވުރެ އުފާވެރި ހަމަޖެހޭ ދިރިއުޅުމަކަށް އެދެވޭހެއްޔެވެ؟

އަމިއްލަ ނަފުސު އުފާވެރިކަން މަތީ ބެހެއްޓުމަކީ އެހެންމީހުންނާއެކު އޮންނަ ގުޅުންވެސް އުފާވެރިވެ، ވަރުގަދަވާނެ ކަމެކެވެ. އަނެކާއާއެކު "ކޮލެޓީ" ގުޅުމެއް ބޭއްވޭނީ އަމިއްލަ މީހާ އަކީ އުފާވެރި މީހަކަށް ވެގެންނެވެ. އެހެން ނޫންނަމަ، އަމިއްލަ މައްސަލަ ތަކުގެ ސަބަބުން އަނެކާއަށް ދެވެންވާ ސަމާލުކަން ކުޑަވެދާނެއެވެ. ދެމީހެއްގެ ދެމެދުގައި އޮންނަ ގުޅުމަށް ބުރޫ އަރާ އެންމެ ބޮޑު އެއް ސަބަބަކީ މިއެވެ.

މީގެ ދެ އަހަރު ކުރިން، 2015 ވަނަ އަހަރު އެކުލަވާލި އެ އަހަރުގެ ވޯލްޑް ހެޕިނަސް ރިޕޯޓްގައި ބުނެފައިވަނީ ތިމާގެ އުފާވެރިކަމަށް އެންމެ މުހިއްމީ އެހެން މީހުންނާ ގުޅިގެން އުޅުން ކަމަށެވެ. "ސޯޝަލައިޒް" ވުމަކީ އުފާވެރި ދިރިއުޅުމަކަށް މުހިއްމު ކަމެއް ކަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި އެކަނިވެރިވުމަކީ ތިމާގެ އަމިއްލަ އުފާވެރިކަން ނިގުޅައިގަންނާނެ އެއްޗެއް ކަމަށްވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

މިއަހަރުގެ ވޯލްޑް ހެޕިނަސް ރިޕޯޓުގައިވެސް ސޯޝަލައިޒްވުން ނުވަތަ އެހެންމީހުންނާ ގުޅިގެން އުޅުމުގެ މުހިއްމުކަބން ފާހަގަކޮށްފައިވެއެވެ. 2017 ވަނަ އަހަރު ދުނިޔޭގެ އެންމެ އުފާވެރި ގައުމުގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ނޯވޭއެވެ. މި ދިޔައަހަރުގެ އެލިސްޓުގައި ނޯވޭ ހިމެނުނީ ހަތަރު ވަނައިގައެވެ.

މި ރިޕޯޓުން އެންމެ ފާހަގަވާ އެއްކަމަކީ މީގެ 25 އަހަރާ އަޅާ ބަލާއިރު ޗައިނާ މީހުން މިހާރު ތިބީ އުފާވެރިކަން މަތީ ނޫންކަމަށް ބުނެފައިވާ ބުނުމެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އިގްތިސާދަށް އަންނަ ބަދަލާއެކު އާމްދަނީ ދަށްވުމެވެ.

އަނެކާގެ ހިތާމައިގައި ބައިވެރިވެ، އޭނާގެ ހިތާމަތަކަށް ލުޔެއް ހޯދައި ދިނުމަކީވެސް އުފާވެރި ދިރިއުޅުމަކަށް ކުރަންޖެހޭ ކަމެކެވެ. ތިމާގެ ވާހަކަތައް ހިއްސާ ކުރާނެ މީހަކު ބޭނުންވާ ފަދައިން އަނެކާގެ ވާހަކަތައް ހިއްސާ ކުރާނެ މީހެއްވެސް ބޭނުންވާނެއެވެ. "

ވެން ޔޫއާ ހެޕީ، އައި އެމް ހެޕީ" މިއީ މުހިއްމު ފޯމިއުލާ އެކެވެ. އަމިއްލަ އުފާވެރިކަމަށް އެހެން މީހުންގެ ހިތާމަތައް ދުރުކޮށްދިނުމަކީ މުހިއްމު ކަމެކެވެ. އޭގެ ސަބަބުން ދެމީހުންނަށްވެސް ހިތްހަމަ ޖެހުން ލިބޭނެއެވެ.

ތިމާ ހިތްހަމަ ޖެހޭ ފަދަ ކަމެއްގައި ޝާމިލުވެ އުޅުމަކީވެސް އަމިއްލަ އުފާވެރިކަމަށް ކުރެވިދާނެ ކަމެކެވެ. ތިމާގެ އަމިއްލަ ނަފުސު ތިމާއަށް ވުރެ ބޮޑަށް އެނގޭނެ އެހެންމީހަކު ނުހުންނާނެއެވ ރީތި ހެދުމެއް ލުން، ނޫނީ ރައްޓެހިންނާއެކު ހޭދަކޮށްލާ އުފާވެރި ވަގުތަކީވެސް ހަމަ އުފާވެރި ދިރިއުޅުމަކަށް ކޮންމެހެން ބޭނުން ކަމެކެވެ.

"އަންކޮމްފޮޓަބްލް" ހެދުމެއް ލައިގެން އެ އުޅެންޖެހޭ ހާލަށްވުރެ، ގަޔަށް ފަސޭހަ ހެދުމެއް ލައިގެން އިނުމުން ތިމާއަށް ކުރެވޭ އިހުސާސްގެ ތަފާތު އެނގޭ ނޫންހެއްޔެވެ؟ އެއީ މިބުނާ އުފާވެރިކަމެވެ.

ތިމާ ބޭނުންވާ ކަންތައް އެ ބޭނުންވާ ގޮތަށް ކޮލުމަކީވެސް އަމިއްލަ ނަފުސަށް އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ. އެގޮތުން ގޭތެރޭގައި އެދުވަހަކަށް ނިންމަން ހުރި ހުރިހާ މަސައްކަތެއް އެއްވެސް ފޫހިކަމެއް ނެތި ކޮށްލުމާއި، ތިމާގެ ހިތްހަމަ ޖެހޭ ކަމެއްގައި މަޝްޣޫލުވެ އުޅުން ނޫނީ ތިމާގެ ޕްލޭންތަކާ އެއްގޮތަށް ދުވަހުގެ ކަންތައް ކޮށް ނިންމުމަށް މަސައްކަތް ކުރާށެވެ.

އުފާވެރި ކަމަކީ ކުދިކުދި ގިނަ ކަންތަކުގެ މައްޗަށް އެކުލެވޭ ކަމެކެވެ. ތިމާއާ އެހެން މީހުންނާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށްވެސް މި އުފާވެރިކަން ބިނާ ވާނެއެވެ. އެއީ ހަމައެކަނި އިހުސާސެއް ނޫނެވެ. އުފާވެރި ކަމާއި ލައިފްސްޓައިލާއި ގުޅުން ހުންނަކަން ހަނދާން ބަހައްޓަން ވާނެއެވެ. ހެޕިނަސް ރިޕޯޓުގައި ފާހަގަ ކުރާގޮތުން ތިމާއަށް ލިބޭ އާމްދަނީ އާއި ދިރިއުޅޭ މާހައުލަކީ އުފާވެރިކަމަށް އަސަރު ކުރާނެ ކަންކަމެވެ.