19 Dec 2017, 21:10
ސްރީލަންކާ އާއި މެލޭޝިއާ އާ ދެމެދު ފްރީޓްރޭޑް އެގްރިމެންޓެއް އެކުލަވާލުމަށް މަޝްވަރާތައް ކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ތިން ދުވަހުގެ މުއްދަތަށް ނަޖީބު ރައްޒާގު ކުރެއްވި މި ދަތުރުފުޅުގައި ތަފާތު ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމާ ގުޅޭ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބޮޑުވަޒީރު ނަޖީބު ރައްޒާގާ ހަވާލާދީ މެލެޝިއާގެ ނޫސްތައް ބުނާގޮތުން ލަންކާ އާއި މެލޭޝިއާ އާ ދެމެދު ގާއިމް ކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އަންނަ އަހަރު ނޫނީ އެންމެ ލަސްވެގެން 2019 ވަނަ އަހަރު ސޮއިކުރާނެއެވެ.
ލަންކާ އަކީ މެލޭޝިއާ އާއެކު ވިޔަފާރީގެ ގާތް ގުޅުމެއް ބާއްވާ ގައުމެއް ކަން ނަޖީބު ރައްޒާގު ވަނީ ފާހަގަކުރައްވައިފައެވެ. މެލޭޝިއާގެ ޑައިލޮގް ކުންފުނިން ލަންކާގައި މުއާސަލާތީ ޚިދުމަތް ފޯރުކޮށްދެމުންދާއިރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން 350000 އަށް ވުރެ ގިނަ މީހުންނަށް އެ ކުންފުނިން ވަޒީފާގެ ފުރުސަތު ފޯރުކޮށްދީފައިވާކަމަށް ވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.
ނަޖީބު ރައްޒާގު ލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާވެސް ވަނީ ބައްދަލު ކުރައްވައިފައެވެ.