މަތީ ތައުލީމާއި ސިއްހީ ދާއިރާ އަދި ޓުއަރިޒަމްގެ ދާއިރާއިން ރާއްޖެއާ ގުޅުން ބަދަހިކުރާނެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަތީ މިއަދު ހަވީރުއެވެ.

މެލޭޝިއާ ބަހުން މިއަދު ކުރެއްވި ޓްވީޓެއްގައި ނަޖީބު ރައްޒާގު ވިދާޅުވީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރާއްޖެ ވަޑައިގެންފި ކަމަށާއި، މި ދަތުރުފުޅުގައި މަތީ ތައުލިމާއި ސިއްހީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާ އިން ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރާނެ ކަމަށެވެ.

މެލޭޝިއާ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރާއްޖޭގެެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ. މިއީ 33 އަހަރަށް ފަހު މެލޭޝިޔާގެ ބޮޑުވަޒީރަކު ރާއްޖެ ޒިޔާރަތްކުރައްވާ ފުރަތަމަ ފަހަރެވެ.

ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއެކު ރަސްމީ މަޝްވަރާތައް ކުރުމަށްވަނީ ހަމަޖެހިފައެވެ. އެ މަޝްވަރާތަކުގެ ތެރޭގައި އިންސާނީ ވަސީލަތް ފޯރުކޮށްދިނުމާ ގުޅޭގޮތުންނާއި ރާއްޖޭގެ ދިފާއީ ދާއިރާ ހަރުދަނާކުރުމާއި ސަލާމާތީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ މަޝްވަރާތައް ހިމެނެއެވެ.

ރާއްޖެއާ މެލޭޝިޔާއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ދެ ގައުމުގެ ދެމެދުގައި ސޮއިކުރާ އެއްބަސްވުން ތަކުގެ ތެރޭގައި ތައުލީމީ ދާއިރާއިން އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމަކާއި ސިއްހީދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ އެއްބަސްވުމެއް ހިމެނެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ދައުވަތަކަށް މެލޭޝިޔާގެ ބޮޑުވަޒީރު މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު ދެގައުމުގެ ދެމެދުގައި ކުރިއަށްދާ ރަސްމީ މަޝްވަރާތައް އޮންނާނީ މާދަމާއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވި އިރު އެމަނިކުފާނުގެ ދައުވަތަކަށް މިދިޔަ އަހަރު ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ މެލޭޝިޔާއަށް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރު ފުޅުގައި ނިމިގެން ދިޔަ އެންމެ މުހިންމު ކަމަކީ ދިވެހިންނަށް މެލޭޝިޔާއިން އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖެއްސުމެވެ.