19 Dec 2017, 19:16
މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑެބްރައިނާ އެ ކްލަބުގެ ކޮންޓްރެކްޓް އާކުރުމާ ވަރަށް ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތަށް ބުނެފިއެވެ.
އުމުރުން 26 އަހަރުގެ ޑެބްރައިނާ ވޮލްފްސްބާގް ދޫކޮށް 2015 ވަނަ އަހަރު ސިޓީއާ ގުޅިފައި ވަނީ 55 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އެފަހަރު އޭނާ ސޮއިކުރީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެހެންކަމުން އޭނާ މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރުއެވެ. ޑެ ބްރައިނާ މިހާރު ތައްޔާރުވަމުން ދަނީ ސިޓީ އާއެކު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މިހާރު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ޑެބްރައިނާއަށް ލިބެނީ ހަފްތާއަކު 115،000 ޕައުންޑެވެ. އަންނަ މަހުގެ ތެރޭގައި އޭނާ ސޮއި ކުރުމަށް ހަމަޖެހިފައިވާ އާ ކޮންޓްރެކްޓުގެ ދަށުން އޭނާއަށް ހަފްތާއަކު 210،000 ޕައުންޑުގެ މުސާރައެއް ލިބޭނެއެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ޑެބްރައިނާއަށް އާ ކޮންޓްރެކްޓެއް ހުށަހެޅުމަށް ނިންމާފައިވާ ކަމުގެ އިޝާރާތެއް ދީފައެވެ. އެގޮތުން ގާޑިއޯލާ ބުނީ އޭނާގެ މުޅި ޓީމުގެ ކުޅުން ބިނާވެފައި ވަނީ ޑެބްރައިނާގެ ކުޅުމަށް ކަމަށާއި ޑެބްރައިނާގެ ކުޅުން ރަނގަޅުވެއްޖެނަމަ ޓީމުން ވެސް ހޯދާނީ ރަނގަޅު ނަތީޖާ ކަމަށެވެ.
ޑެބްރައިނާގެ އިތުރުން ސިޓީގެ މިޑްފީލްޑަރު ފެނާންޑީނިއޯ ވެސް އެ ކްލަބުގެ ކޮންޓްރެކްޓް ވަރަށް އަވަހަށް އާކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފާނަންޑީނިއޯ ސިޓީ އާއެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށްފަހު ހަމަވާނެއެވެ.