10 Aug 2011, 09:51
ޓްރިޕޮލީ (އޮގަސްޓް 10) : ނޭޓޯ އިން އިއްޔެ ދިން ވައިގެ ޙަމަލާއެއްގައި ލީބިޔާގެ ރަށްފުށުގެ 85 މީހަކު މަރުވެއްޖެ ކަމަށް ލީބިޔާ އިން ބުނެފި އެވެ. ލީބިޔާ ސަރުކާރުގެ ތަރްޖަމާން މޫސާ އިބްރާހީމް ވިދާޅުވީ ނޭޓޯގެ ވައިގެ ޙަމަލާއެއް އިއްޔެ އަމާޒުވީ ޓްރިޕޮލީގެ އިރުމަތީގައިވާ ސިޓީއެއް ކަމަށްވާ ޒްލީތަންގެ ކައިރީގައިވާ މާޖާ ނަމަކަށް ކިޔާ ވިލެޖެއްގެ ބަޔަކު ހިޔާވަހިކަން ހޯދައިގެންތިބި ޢިމާރާތަކަށް ކަމުގަ އެވެ.
ނޭޓޯގެ މިޙަމަލާގައި އާންމުންގެ 85 މީހަކު މަރުވެފައިވާ އިރު އޭގެތެރޭގައި ގިނައީކުޑަކުދިންނާއި އަންހެނުން ކަމަށާއި އެމީހުން ނިސްބަތް ވަނީ 12 އާއިލާއަކަށް ކަމަށް މުސާ އިބްރާހީމް ވިދާޅުވި އެވެ. ލީބިޔާގެ ޓީވީ އިން ވަނީ އަނދާފައިތިބި ކުޑަކުދިންނާއި އަންހެނުންގެ ހަށިތަކެއް ދައްކާފަ އެވެ. އަދި ޒަޚަމްވެގެން ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންގެންދާ ކުޑަކުދިންނާއި އަންހެނުންގެ ފޮޓޯތަކެއް ވެސް ލީބިޔާ ޓީވީ އިން ވަނީ ދުރަށް ދައްކާފައެވެ.
ނޭޓޯގެ ތަރްޖަމާން ކާނަލް ރޮލެންޑް ލެފްވީ ވިދާޅުވީ އެޖަމާއަތުގެ ވައިގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޒްލީތަންގެ ކައިރީގައިވާ ދަނޑުވެރިކަމާ ބެހޭ އެކުވެންޏަކަށް ކަމަށާއި އެތަނަކީ މިހާރު ގައްޒާފީގެ ސަރުކާރުން ޢަސްކަރީ ކަންކަމަށް ބޭނުންކުރާ ތަނެއް ކަމުގަ އެވެ.
އިރާޤާއި އަފްޣާނިސްތާނުގައި ވެސް މަދަނީ ތަންތަނަށް ޙަމަލާދީ އާންމުން މެރުމަށް ފަހު ޙަމަލާތައް އަމާޒުކުރީ ޢަސްކަރީ ތަންތަނަށް ކަމަށްބުނެ އެކަން ދިފާޢުކޮށް ވާހަކަ ދެއްކުމަކީ ނޭޓޯ އާއި އެމެރިކާ އާންމުކޮށް ކުރަމުން ގެންދާ ކަމެކެވެ.
ނޭޓޯގެ ބާރުގަދަ ޙަމަލާތަކެއްގައި އިއްޔެ ލީބިޔާގެ ވެރިރަށް ޓްރިޕޮލީ ގުޑައިގެން ދިޔަކަމަށް ބޭރުގެ މުރާސިލުން ހާމަކޮށްފައިވެ އެވެ.
ނޭޓޯގެ ޙަމަލާތަކުގެ ސަބަބުން އުފެދިފައިވާ ބޮޑެތި އަލިފާން ގަނޑުތައް ޓްރިޕޮލީގެ އެތަން މިތަނުން އިއްޔެ ފެނިފައިވާ ކަމަށް މުރާސިލުންނާއި މަންޒަރު ދުށްމީހުން ބުނެ އެވެ. (އަލްޖަޒީރާ)