ރާއްޖެ ޒިޔާރަތްކުރާ ޓުއަރިސްޓުންގެ އަދަދު އިތުރުވި ނަމަވެސް އެ ސިނާއަތުގެ އަގުތަށް ދަށްވެ ޓުއަރިޒަމް އިން ލިބުނު އާމްދަނީއަށް އަސަރުކޮށްފައިވާކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ މި އަހަރުގެ ތިންވަނަ ކުއާޓާގެ އިކޮނޮމިކް ބުލެޓިންގައި ބުނެފައިވަނީ ޓުއަރިޒަމް ދާއިރާއިން ލިބުނު އާމްދަނީ ދަށަށް ގޮސްފައިވާ ކަމަށެވެ.

ފާއިތުވި އަހަރުތެރޭގައި ރާއްޖޭގައި ހުރި ޓުއަރިސްޓް އެނދުތަކުގެ އަދަދު 15 ޕަސެންޓް އިތުވެފައިވާ ކަމަށާއި އެއާއެކު ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓް ދަށްވެފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން ފާއިތުވި ކުއާޓަރުގައި ރާއްޖެ ޒިޔާރަތްކުރި ޓުއަރިސްޓުންގެ އަދަދު 14 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި ނަމަވެސް އަހަރުން އަހަރަށް ބަލާއިރު ޓުއަރިޒަމްގެ ސިނާއަތުން ލިބުނު އާމްދަނީ ދެ ޕަސެންޓް ދަށްވެފައިވާކަމަށް އެ ބުލެޓިންގައިވެއެވެ.

އެމްއެމްއޭގެ ކުއާޓާލީ ބުލެޓިންގައި ބުނެފައިވަނީ ޓުއަރިޒަމް އިންޑަސްޓްރީގެ އަގުތަށްވެސް ދަށްވެފައިވާ ކަމަށެވެ. އެގޮތުން އާންމުކޮށް ރާއްޖެ އަންނަ ޓޫރިސްޓުން ރިސޯޓެއްގައި ހަ ރޭ ހޭދަކުރާ ނަމަވެސް އަލަށް ހުޅުވި 13 ރިސޯޓާ އެކު ޓޫރިޒަމް ދާއިރާގެ ބެޓް ކެޕޭސިޓީ ވެސް ވަނީ 15 ޕަސެންޓް އިތުރުވެ ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓް 73 ޕަސެންޓުން 68 ޕަސެންޓަށް ވަނީ ދަށްވެފައެވެ.