ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން ސައުދީއަރަބިއްޔާގެ ވެރިރަށް ރިޔާދަށް ފޮނުވާލި ބެލެސްޓިކް މިސައިލްއެއް، ސައުދީން ހުއްޓުވައިފިއެވެ.

ހޫތީންގެ އަލް މަސީރާ ޗެނަލްއިން ވަނީ އެހަމަލާ ދިންކަން ޔަގީންކޮށްދީފައެވެ.

އެހަމަލާ އަމާޒުކުރީ ވެރިރަށް ރިޔާދުގައި ހުރި ޝާހީއާއިލާގެ ގަނޑުވަރަށް ކަމަށް ހޫތީންގެ އަލް މަސީރާ ޗެނަލް އިން ބުންޏެވެ.

ސައުދީގެ ޑިފެންސް ސީސްޓަމުން ވަނީ އެ މިސައިލް ވައިގެ ތެރޭގައި ހުއްޓުވައި ނެތިކޮށްލައިފައެވެ.

މިދިޔަ މަހުވެސް ހޫތީން ވަނީ ސައުދީއަށް ބެލެސްޓިކް މިސައިލްއެއް ފޮނުވާލައިފައެވެ. އެ މައްސަލައިގައި ސައުދީއާ އިރާނުގެ ގުޅުން ވަރަށް ގޯސްވެގެން ދިޔައެވެ. ސައުދީން ތުހުމަތުކުރާގޮތުގައި އެ މިސައިލް ހޫތީންނަށް ފޯރިކޮށްދިނީ އިރާނުންނެވެ.

މިސައިލްގެ މައްސަލައިގައި ސައުދީން ވަނީ ޔަމަނުގެ ކަނޑާއި އަދި ވައިގެ ހުރިހާ ބޯޑަރުތަކެއް ބަންދުކޮށްފައެވެ.

އިރާނުން ވަނީ ސައުދީގެ ތުހުމަތުތައް ދޮގުކޮށްފައެވެ.

މުރާސިލުން ބުނާގޮތުގައި މިފަހަރުގެ ހަމަލާއާއެކު ސައުދީއާ އިރާނުގެ ގުޅުން އިތުރަށް ގޯސްވެގެން ދާނެެއެވެ.

ސައުދީން ޔަމަނަށް 2015 އިން ފެށިގެން ދޭންފެށި ހަމަލާތަކާ އެކު ޔަމަނުގައި މިހާރު ވަނީ އިންސާނީ ބޮޑު މުސީބާތެއް ޖެހިފައެވެ. އެގައުމުގެ މިހާތަނަށް ވަނީ 12،000 މީހުން ވަނީ މަރުވެފައެވެ.