މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅެމުން އައި ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމައިރު މިއަދު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސޮއި ކޮށްފިއެވެ.

ފާއިތުވި ތިން އަހަރު މާޒިޔާގެ ޖޯޒީގައި އުމަރިއު ފެނިގެން ގޮސްފައިވާއިރު، އޭގެ ކުރިން އޭނާ ކުޅެފައި ވަނީ ވެސް ނިއު އަށެވެ. ނަމަވެސް 2015 ވަނަ އަހަރުގެ ޕީޕަސް ކަޕަށް ފަހު އޭނާ ވަނީ މާޒިޔާ އަށް ބަދަލުވެފައެވެ.

ދެހާސް ތޭރަ ވަނަ އަހަރު ސީޒަންގެ ހުރިހާ މުބާރާތެއް ނިއުއިން ކާމިޔާބުކުރިއިރު، އުމެއިރަކީ އެ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އަދި 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ކުއާޓާރ ފައިނަލުން ޖާގަ ހޯދި ނިއުރޭޑިއަންޓް ޓީމުގައިވެސް އުމެއިރު މުހިންމު ދައުރެއް އަދާކުރިއެވެ.

އުމެއިރު ވަނީ މިދިޔަ ތިން ސީޒަންގައިވެސް މާޒިޔާގެ ޖޯޒީގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މާޒިޔާއާއިއެކު އުމެއިރުވަނީ ލީގާއި، ގައުމީ މުބާރާތުގެ ތަށިވެސް އުފުލާލާފައެވެ.

އުމެއިރު ނިއު އަށް ސޮއި ކުރި އިރު، އެ ޓީމުން ވަނީ ގިނަ ކުޅުންތެރިންނާ އެކު އެއްބަސްވުން އާކޮށްފަ އެވެ. އެގޮތުން ދެ ގޯލްކީޕަރުން ކަމަށްވާ އިމްރާން މުހައްމަދާއި މުހައްމަދު ފައިސަލްގެ އިތުރުން އަކްރަމް އަބްދުލްގަނީ އާއި ރިލްވާން ވަހީދު (ރިލޭ) އާއި ހަދަން އަދުހަމް (ސަޑޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި މިދުހަތު ފަހުމީ (ބިޗަޑް) އަދި ސްޕެނިޝް މިޑްފީލްޑަރު ކަންޑޭލާ ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ.