މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ދެ ލައްކަ ރުފިޔާ ނުދައްކާ އޮތުމުން، 500،00 ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކުމަށް ކުންފުންޏެއްގެ މައްޗަށް ހުކުމްކޮށްފި އެވެ.

އައި ސޯލް ޕްރައިވެޓް ލިމިޓެޑް ކުންފުނިން ޖީއެސްޓީގެ ގޮތުގައި މީރާއަށް 245،903 ރުފިޔާ ދައްކަން ޖެހެ އެވެ. ނަމަވެސް އެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި 212،918 ރުފިޔާ އަރާފައިވެ އެވެ.

އޭގެ އިތުރުން ޖީއެސްޓީ ބަޔާން ހުށަހަޅަން ޖެހޭ ތާރީހަށް އެކުންފުނިން ބަޔާން ހުށަހަޅާފައި ނުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި 42،467 ރުފިޔާ އަރާފައިވެ އެވެ.

ސިވިލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ، އައި ސޯލް ކުންފުނިން ޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އާއި ޖޫރިމަނާ ފައިސާއާ އެކު ޖުމްލަ 501،288 ރުފިޔާ ދެ މަސް ދުވަސް ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ހަލާސްކުރުމަށް ހުކުމް ކުރާ ކަމަށެވެ.