10 Aug 2011, 09:37
ލަކުޑިތަކެއް ބަރުކޮށްގެން މާލެ އިން ދެކުނުގެ އަތޮޅުތަކަށް ދަތުރު ކުރި ދޯންޏެއް ކޮޅިގަނޑެއްގައި ޖެހި ވާދޫ ކަނޑަށް އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފުން ރޭ ފަތިހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މާލޭން ލަކުޑި ބަރުކޮށްގެން ދެކުނުގެ އަތޮޅަކަށް ދަތުރު ކުރި ދޯނި އަޑިއަށް ދިޔައީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށެވެ.
މި ހާދިސާ ހިނގި ވަގުތު އެ ދޯނީގައި ދެ ދިވެހިންނާއި ބިދޭސީ އަކު ހުރި ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ރޭގެ ހާދިސާގައި އެ ދޯނީގައި ހުރި ގިނަ އަދަދެއްގެ ލަކުޑިތައް ކަނޑަށް އެޅިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާ މީހުން އެކަމަށް ބަލައިގެން ދަތުރު ކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.
އެއީ ކޮން ނަމެއް ކިޔާ ދޯންޏެއް ކަމެއް އަދި އެއީ ދެކުނުގެ ކޮން ރަށަކަށް ދަތުރު ކުރި ދޯންޏެއް ކަމެއް ސާފެއްނުވެ އެވެ. ނަމަވެސް އެމްއެންޑީއެފުން ބުނީ އެދޯނީގެ ވެރިފަރާތަކީ މ. މޫސުންބަހާރު ރާމިޒު ސުލައިމާނު ކަމަށެވެ.
ދިރުނބާކޮޅު އަޑިއަށް ގޮސްފައި އޮތް ދޯނި އެހެން އުޅަނދެއްގައި ކަފުޖަހައިގެން މިހާރު ވަނީ ގުޅީފަޅަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.