ނިއުދިއްލީ(19 ޑިސެމްބަރު): އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ ޗީފް މިނިސްޓަރުގެ މަގާމަށް، "ކިޔުންކީ ސާސްކީ ކަބީ ބަހޫތީ" ފަދަ މަޝްހޫރު ހިންދީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދައިފައިވާ އެކްޓްރެސް އަދި މިހާރުގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން އެންޑް ޓެކްސްޓައިލް މިނިސްޓަރު ސުމިރުތީ އިރާނީ ހަމަޖެއްސުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިންޑިއާ ޓުޑޭ ނޫހުން ބުނެފިއެވެ.

ނިމިގެންދިޔަ ގުޖުރާތު ސްޓޭޓް އެސެމްބްލީގައި، އިންޑިއާގައި މިހާރު ވެރިކަން ކުރަމުންދާ ބާރުތިޔާ ޖަންތާ ޕާޓީ (ބީޖޭޕީ) ކާމިޔާބުކުރި ކަމުގައިވިޔަސް، އިދިކޮޅު ކޮންގްރެހުން ކުރި ވަރުގަދަ ކެމްޕޭންގެ ސަބަބުން ކުރިން ލިބުނު ވަރުގެ ކާމިޔާބީއެއް ބީޖޭޕީއަކަށް ނުލިބުނެވެ.

އެހެން ކަމުން ބީޖޭޕީއިން މިފަހަރު ބޭނުންވަނީ އެ ސްޓޭޓްގެ ޗީފް މިނިސްޓަރަކަށް މޯދީ ފަދަ، މީހުންގެ މަގްބޫލުކަން ލިބިފައިވާ މަޝްހޫރު ބޭފުޅެއް ގެންނަން ކަމަށް އިތުބާރުހުރި ފަރާތްތަކާ ހަވާލާދީ އިންޑިއާޓުޑޭ އިން ބުންޏެވެ.

ސުމިރުތީއަކީ މިހާރުވެސް މޯދީއާ ވަރަށް އަރިސް ބޭފުޅަކަށް ވެފައި، ލީޑާޝިޕް ކޮލެޓީ އެހާމެ ރަނގަޅު އަދި ގުޖުރާތީ ބަހުން ފަރިތަކަމާއެކު ވާހަކަ ދައްކަވާބޭފުޅެކެވެ.

ސުމިރުތީގެ އިތުރުން ޔޫނިއަން މިނިސްޓަރު ފޯ ރޯޑް ޓްރާންސްޕޯޓް އެންޑް ޝިޕިން މަންސުކް މަންދަވިޔާގެ ނަން ވެސް ޗީފް މިނިސްޓަރު ކަމަށް އެންމެ އެކަށޭނެ ބޭފުޅުންގެ ލިސްޓުގައި ހިމެނޭ ކަމަށް ވެސް އިންޑިއާޓުޑޭ އިން ބުންޏެވެ.

ގުޖުރާތުގެ ސްޓޭޓް އެސެމްބްލީ އިންތިހާބުގައި 182 ގޮނޑީގެ ތެރެއިން 99 ގޮނޑި ބީޖޭޕީން ކާމިޔާބު ކުރި އިރު އިދިކޮޅު ކޮންގްރެސް ޕާޓީން ވަނީ 77 ގޮނޑި ކާމިޔާބުކޮށްފައެވެ.

އަދި އެއިންތިހާބުގައި ބީޖޭޕީއަށް ކުރިއެރުން ލިބުނު ނަމަވެސް ކުރިއާ އަޅާބަލާއިރު އެ ޕާޓީއަށް އޮތް ތާއިދު ވަނީ ކުޑަވެފައެވެ. އެގޮތުން 2012 ވަނަ އަހަރު ބީޖޭޕީން، ގުޖުރާތުގެ މަޖިލިސް އިންތިހާބުގައި 115 ގޮނޑި ކާމިޔާބުކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

މަސްދަރު: އިންޑިއާ ޓުޑޭ