އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެ ގައުމުގައި ތިބި ބައެއް ދިވެހިން ތުހުމަތު ކުރަން ފަށައިފި އެވެ.

ރާއްޖޭން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު މިއަދު 'ސަން' އަށް ވިދާޅުވީ އިންޑިއާގައި ދިރިއުޅޭ ބައެއް ދިވެހިންނަށް ވިސާގެ މުއްދަތު އިތުރުކުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުމުގެ ޝަކުވާ އެމްބަސީ އަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް އަހުމަދު ވިދާޅުވީ އިންޑިއާގެ ރަސްމީ ފަރާތްތަކާ ގުޅުމުން ދޭ ޖަވާބަކީ އިންޑިއާ އިން ދިވެހިންނަށް ވިސާ ދިނުމަށް ގެންގުޅޭ ޕޮލިސީ އަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ވެސް ބުނީ، ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީއާ ގުޅުމުން ވެސް ވިސާގެ ޕޮލިސީއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ބުނި ކަމަށެވެ.

އެކަމާ ގުޅިގެން އިންޑިއާ އެމްބަސީގެ ބަހެއް ހޯދާލުމަށް ގުޅާލުމުން އެމްބެސަޑަރު އަކިލޭޝް މިޝްރާ ބައްދަލުވުމެއްގައި އުޅުއްވާތީ ޖަވާބެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

އިންޑިއާ އަށްދާން ބޭނުންވާ ދިވެހިންނަށް ވިސާ ތާށި ކުރާކަމުގެ ތުހުމަތުތަކެއް ފެންމަތިވެފައިވާ އިރު، ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)ގައި ރާއްޖެ-ޗައިނާ ސޮއި ކުރުމުން އިންޑިއާގެ ހިޔާލުތަފާތުވުންތަކެއް ހުރިކަމަށްވެ އެވެ. އެކަން އެނގެނީ އިންޑިއާ ސަރުކާރުގެ އޮފިޝަލުންގެ ވާހަކަތަކުންނެވެ.

އިންޑިއާއި ރާއްޖެއާ ދެމެދު ހިޔާލުތަފާތުވާ ފަހަރުތަކުގައި ކުރިން ވެސް އިންޑިއާ އިން ވަނީ ދިވެހިންގެ ވިސާ "ފިއްތައިފަ" އެވެ. އަދި ގިނަ އިރުތަކެއް ވަންދެން އިންޑިއާ އެމްބަސީ ކުރިމަތީގައި ދިގު ކިޔޫތައް ވެސް ޖައްސުވާފައިވެ އެވެ. އޭގެ އިތުރުން ތިން މަހުގެ ބޭންކް ސްޓޭޓްމަންޓްތައް ހުށަހަޅަން ޖެހުމުގެ ކަންކަން ވެސް ކުރިން ހިންގާފައި އެބަހުއްޓެވެ.