19 Dec 2017, 13:41
ގުޖުރާތު (19 ޑިސެމްބަރު): އިންޑިއާގެ ގުޖުރާތު ސްޓޭޓްގައި ކުރިއަށްދިޔަ ގުޖުރާތު އެސެމްބްލީ އިންތިހާބުގައި، އިންޑިއާގައި މިހާރު ވެރިކަން ކުރާ ބާރްތިޔާ ޖަންތާ ޕާޓީ (ބީޖޭޕީ) އިން ކާމިޔާބުކުރި ކަމުގައި ވިޔަސް، އެ ސްޓޭޓްގެ މޯދީނިސްބަތްވާ އުންޖާ ކޮންސްޓިޓިއަންސީ އިދިކޮޅު ޕާޓީ ކޮންގްރެސް ޕާޓީން ކާމިޔާބުކޮށްފި އެވެ.
އުންޖާ ކޮންސްޓިޓިއަންސީގޭ އިންތިހާބު މިފަހަރު ކާމިޔާބުކޮށްފައި ވަނީ ކޮންގްރެސްގެ ކެންޑިޑޭޓް އާޝާ ޕަޓޭލް އެވެ. އުޝާ ވަނީ ބީޖޭޕީގެ ކެންޑިޑޭޓް ނަރަޔަންބާއި ލަލަންދާސް ޕަޓޭލްއާ ވާދަކޮށް ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބުކޮށްފަ އެވެ.
އުޝާއަށް އިންތިހާބުގައި 81,797 ވޯޓް ކާމިޔާބުކުރެއްވި އިރު، ޕާޓޭލްއަށް ކާމިޔާބުކުރެއްވުނީ 62,268 ވޯޓެވެ.
މި ފަހަރުގެ އިންތިހާބުގައި ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވަނީ އެ ސަރަހައްދަށް ވަޑައިގެން ވަރަށް ވަރުގަދައަށް ކެމްޕޭންކުރައްވައިފަ އެވެ. ގާންދީއެކޭ އެއްފަދައިން މޯދީ ވެސް ވަނީ އެ ސަރަހައްދަށް އޮކްޓޯބަރު މަހު ވަޑައިގެން ކެމްޕޭން ކުރައްވައިފަ އެވެ. މޯދީ ވިދާޅުވީ އެ ސަރަހައްދަށް ވަޑައިގަތުމުން އޭނާގެ ކުޑައިރުގެ ހަނދާންތައް ވަރަށް ބޮޑަށް އާވި ކަމަށެވެ.
ގުޖުރާތުގެ ސްޓޭޓް އެސެމްބްލީ އިންތިހާބުގައި 182 ގޮނޑީގެ ތެރެއިން 99 ގޮނޑި ބީޖޭޕީން ކާމިޔާބު ކުރި އިރު އިދިކޮޅު ކޮންގްރެސް ޕާޓީން ވަނީ 77 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
އަދި އެއިންތިހާބުގައި ބީޖޭޕީއަށް ކުރިއެރުން ލިބުނު ނަމަވެސް ކުރިއާ އަޅާބަލާ އިރު އެ ޕާޓީއަށް އޮތް ތާއިދު ވަނީ ކުޑަވެފަ އެވެ. އެގޮތުން 2012 ވަނަ އަހަރު ބީޖޭޕީން ވަނީ ގުޖުރާތުގެ މަޖިލިސް އިންތިހާބުގައި 115 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
ގުޖުރާތުގެ އިތުރުން ހިމާޗަލް ޕްރަދޭޝްގެ މަޖިލިސް އިންތިހާބުގެ ނަތީޖާ ވެސް އިއްޔެ ވަނީ ހާމަކޮށްފަ އެވެ. އެ މަޖިލީހުގައި ހުންނަ 68 ގޮނޑީގެ ތެރެއިން 44 ގޮނޑި ބީޖޭޕީން ކާމިޔާބުކޮށްފައިވާ އިރު ކޮންގްރެސްއަށް ލިބުނީ 21 ގޮނޑި އެވެ.
މަސްދަރު: އެންޑީޓީވީ