19 Dec 2017, 13:31
ރިޔާޛު (ޑިސެމްބަރު 19): ފްރާންސުގައި ހުންނަ "ދުނިޔޭގެ އެންމެ އަގު ބޮޑު ގޭގެ" ގޮތުގައި ސިފަކޮށްފައިވާ ގެއެއް ބައްލަވައިގެންނެވީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ.
މީގެ ދެ އަހަރު ކުރިން 320 މިލިއަން ޑޮލަރަށް ވިއްކާފައިވާ އެގޭގެ ވެރި ފަރާތް މީގެ ކުރިން އޮތީ ސިއްރުކޮށްފަ އެވެ. ނަމަވެސް ނިއު ޔޯކް ޓައިމްސްގައިވާ ގޮތުން އެގެ ގަނެފައި ވަނީ ސައުދީ ވަލީ އަހުދުގެ ފައުންޑޭޝަނުން ހިންގާ އިންވެސްޓްމެންޓް ކުންފުންޏަކުންނެވެ.

ސައުދީ ވަލީއަހުދު ބައްލަވައިގެންނެވި ގޭގެ އެތެރޭގައި އޮންނަ ސްވިމިން ޕޫލެއް -- ފޮޓޯ: ނިއު ޔޯކް ޓައިމްސް
އެރިޕޯޓާ ބެހޭ ގޮތުން ސައުދީ ސަރުކާރުން އަދި ވަކި އެއްޗެކޭ ބުނެފައި ނުވި ނަމަވެސް އެމެރިކާގައި ހުންނަ ސައުދީ އެމްބަސީގެ ތަރުޖަމާނަކު ވަނީ ނިއު ޔޯކް ޓައިމްސްގެ ނޫސްވެރިންނަކީ 'ވަކި ފަރާތަކަށް ޖެހިފައިވާ" އަދި "އެމީހުންގެ އަމިއްލަ އެޖެންޑާއެއް ކުރިއެރުވުމަށް" ހަބަރު ފަތުރާ ބައެއް ކަމަށް ވިދާޅުވެފަ އެވެ.
ތޭވީސް ހެކްޓަރުގެ ބިމެއްގައި އަޅާފައިވާ އެގޭގައި ސްމާޓްފޯނުން ކޮންޓްރޯލް ކުރެވޭ ފެންއަރުވާ ވަޑާމާއި، އެއާކޮންޑިޝަން ހުންނަ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި ބަނގުރާ ރައްކާ ކުރަން ބިމު އަޑީގައި ހަދާފައިވާ ގުދަނަކާއި، މަސް ފެންގަނޑަކާއި އެފެންގަނޑު ބަލާލުމަށް ފެނުއަޑީގައި ހަދާފައިވާ ކޮޓަރިއަކާއި ސިނަމާއަކާއި ނައިޓްކްލަބަކާއި ސްވިމިން ޕޫލްތައް އެގޭގައި ހިމެނޭ ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެ އެވެ. (ބީބީސީ)