ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މަރުކަޒަށް އެވިޑް ކޮލެޖުން 200 ފޮތާއި ފޮތް ބަހައްޓާނެ ދެ ރެކެއް ހަދިޔާކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ފޮތްތައް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އެވިޑް ކޮލެޖްގެ ވައިސް ޑިރެކްޓަރު އަބްދުﷲ ރަޝީދެވެ. އަދި އެ ފޮތްތަކާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ އެވެ.

ރަސްމިއްޔާތުގައި އަބްދުﷲ ރަޝީދު ވިދާޅުވީ އެ ކޮލެޖުން ހަދިޔާ ކުރި ފޮތްތަކަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުން ހިފޭނެ ފަދަ ފޮތްތަކެއް ކަމަށާއި އެ ކޮލެޖުގެ ވިސްނުން ހުރީ އެކަން އިތުރަށް ފުޅާ ކުރުމަށް ކަމަށެވެ.

"ފޮތްތައް ހަދިޔާ ކުރުމުގެ އިތުރުން އަޅުގަނޑުމެން އެބަ ވިސްނަން ވަރަށް ބައިވަރު ކަންތައްތަކެއް ކުރަން. އެއް ކަމަކީ ކައުންސިލިންގް ދިނުން. އެ މީހުންނަށް ބޭނުންވޭ އެބަ ކައުންސިލިންގް ހިދުމަތް. މަޝްވަރާތަކެއް ކުރުމަށް ފަހު އެކަން ވެސް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

އަދި އެ މީހުންނަށް އެކި ކަހަލަ ތަމްރީން ޕްރޮގްރާމްތައް ހިންގަން ނިންމާފައިވާ ކަމަށާއި ހެލްތު މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ފަހު ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރަމީލާ ވިދާޅުވީ ގުރައިދޫ މަރުކަޒުގައި ތިބޭ މީހުންނަށް ހާއްސަ އިސްކަމެއްދީގެން ބައްލަވަމުން ގެންދާ ކަމަށާއި އެ ފަދަ މީހުން ކުރިއެރުވުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެކި ކަހަލަ ހިދުމަތްތައް ފޯރުކޮށްދިނުގެ އިތުރުން އެތާ މަސައްކަތް ކުރާ މުވައްޒަފުންނަށް މައުލޫމާތާއި ޓްރެއިނިންގް ޕްރޮގްރާމްތައް ހިންގުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެވިޑުން ހަދިޔާ ކުރި ފޮތްތަކަކީ ވަރަށް ބޭނުންތެރި ފޮތެއް. މިހާރު ވެސް އެ މަރުކަޒުގައި ހުންނާނެ ކުޑަވަރެއްގެ ލައިބްރަރީއެއް ވެސް. މި ފޮތްތަކާ އެކީ އެ ލައިބްރަރީ އިތުރަށް މުއްސަނދިވެގެންދާނެ. ވަކި ގަޑި އަކަށް ހާއްސަކޮށްގެން ނަމަވެސް ހުރިހާ އެންމެން އެއްކޮށް ސްޓޯރީ ޓައިމް އެއް ބޭއްވިދާނެ،" އޭނާ ވިދާޅުވި އެވެ.

ރަމީލާ ވިދާޅުވީ އެކަމުގެ ސަބަބުން މުޖްތަމައުގައި އެ ފަދަ މީހުންނަށް ލިބޭ އަޅާލުން އިތުރުވެގެންދާނެ ކަމަށާއި އެ މީހުންނަށް އޯގާތެރިކަން 'ބިލްޑް' ކުރަން ޖެހޭނެ ކަމަށެވެ.

މަރުކަޒުގައި ތިބޭ މީހުން ތިބޭނީ ހަތަރު ކެޓެގަރީ އަކަށް ބަހާލާފައި ކަމަށާއި އެ ކެޓެގަރީތަކުގެ ތެރެއިން ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަކީ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ތިބޭ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަފްސާނީ މީހުންގެ އަދަދު 160 އަށް ވުރެ މަތިވާނެ ކަމަށާއި ކެޓެގަރީތަކުގެ މީހުން ތިބޭނީ ވަކި ވަކިން ކަމަށް އޭނާ ވިދާޅުވި އެވެ.