ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލު ކުރަން ޖެހޭ ފަދަ ބަލި ހާލަތެއް ނެތް ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ހިރަފުހުން ރައްކާތެރި ތަނެއްގައި ދިރިއުޅުމަށާއި ބަރު އެއްޗެހި ނޫފުލުމަށް ޑޮކްޓަރު ލަފާދެއްވުމާ ގުޅިގެން އަދީބުގެ ވަކީލުން ވަނީ އަދީބު ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދި ކަރެކްޝަނަށް ސިޓީ ފޮނުވައިފަ އެވެ.

ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަން އިބްރާހިން ނާޝިދު ސޮއި ކުރައްވައި މިއަދު އަދީބުގެ ވަކީލުންނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ހިރަފުހުން ރައްކާތެރި އަދި ބަރުތަކެތި އުފުލަން ނުޖެހޭ ގޮތަށް އޮތް ހާލަތަކީ ޖަލު ނޫން އެހެން ތަނަކަށް އަދީބު ބަދަލު ކުރެވޭނެ ހާލަތެއް ނޫން ކަމަށެވެ.

ނާޝިދު އެހެން ވިދާޅުވެފައި ވަނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 75 ވަނަ މާއްދާއާ ހަވާލާ ދީ އެވެ.

އެ މާއްދާގައި ބުނެފައިވާ ގޮތުން ބަލީގެ ސަބަބުން ޖަލު ނޫން އެހެން ހާލަތަކަށް ބަދަލު ކުރެވެނީ ތިން ހާލަތެއް މެދުވެރި ވެގެންނެވެ.

އެއީ ޖަލު ހުކުމެއް ތަންފީޒު ނުކުރެވޭ ފަދަ ނުކުޅެދޭ ބައްޔެއް ހުރުން ނުވަތަ ރަނގަޅުވާނެ ކަމަށް ލަފާ ނުކުރެވޭ ނަފްސާނީ ބައްޔެއް ހުރުން ނުވަތަ ގައިން ގަޔަށް އަރާ ބައްޔެ ހުރުމުންނެވެ.

ގޭ ބަންދަށް އަދީބު ބަދަލުކޮށްދިނުމަށް އެދި ވަކީލުން ފޮނުވި ސިޓީގައި ބުނެފައި ވަނީ މިހާރު އަދީބު ބަންދުކޮށްފައި ބަހައްޓާފައި ހުރި ގޮޅިއަކީ ހިރަފުހުން ސަލާމަތް ކުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ގޮޅިއެއް ނޫން ކަމަށެވެ.

އަދި ފާހާނާ ފްލެޝް ކުރުމާއި ފެންވެރުމަށް ދުވާލަކު އެތައް ފަހަރަކު ބާލިދީއަށް ފެންއަޅައި އުފުލަން ޖެހޭ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި އަދި ވެސް އިތުރު ކުށްތަކެއް ސާބިތުވާ ކަމަށް ކަނޑައަޅައި އަދީބަށް ވަނީ އެކި ފަހަރު މަތިން 33 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. މިހާރު އަދީބު ބަންދުގައި ހުންނަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގަ އެވެ.