10 Aug 2011, 03:00
3:00
މާލެ ސިޓީ ކައުންސިލްގައި ހިމެނޭ ޑީއާރްޕީގެ މެމްބަރު، އިބްރާހިމް ޝުޖާއުގެ ބޭބެގެ ކާރުގައި މިރޭ ރޯކޮށްލައި، ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
ގަލޮޅު ސިއްތިމާވާ ހިނގުމުގައި ޕާކުކޮށްފައި އޮތް އިސްމާއިލް ޝުޖާއުގެ ޖަގުއާ ބްރޭންޑްގެ އެކާރުގައި ރޯކޮށްލި ކަމަށް ބެލެވެނީ މިރޭ ގާތްގަނޑަކަށް 2:00 ޖަހާއެހާކަންހާއިރު އެވެ. ހުޅުގަނޑު ނިއްވާލީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުންނެވެ.
ސަންގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު، ފުލުހުން ގެންދަނީ އެހާދިސާ ހިނގި ގޮތް ތަހުގީގު ކުރަމުންނެވެ.
އަލިފާން ބޮޑަށް ރޯވެފައިވަނީ ކާރުގެ ފަހަތު ސީޓުގައި އެވެ. އެހެން ކަމުން ހުޅުގަނޑު ނިއްވާލާފައިވަނީ ކާރު ފަހަތު ބިއްލޫރި ގަނޑު ތަޅައިލައިގެނެވެ. އޭރު ފަހަތު ސީޓު އެއްކޮށް ވަނީ އަނދާ ހުލިވެފަ އެވެ. ނަމަވެސް، ކާރުގެ ބޭރުފުށުން މާބޮޑު ގެއްލުންތަކެއް ފެންނާކަށް ނެތެވެ.
މަންޒަރު ދުށް މީހަކު ބުނި ގޮތުގައި، ރޯކޮށްލައިފަ އޮއްވައި ފެނުނުއިރު ކާރުގެ ވައަތް ފަރާތުގެ ފަހަތު ދޮރުގެ ބިއްލޫރި ތިން އިންޗިއްއެއްހާ މިންވަރަށް ހުރީ ތިރިކޮށްފަ އެވެ. އެހެންކަމުން، އެދޭތެރެއިން ކާރުތެރެއަށް ރޯކޮށްފައި އެއްޗެއް އެއްލައިލީ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ނަމަވެސް، ހުޅުރޯވި ގޮތަކާ މެދު އަދި އެއްޗެއް ބުނަން މާއަވަސް ކަމަށާއި ފުލުހުން ގެންދަނީ އެކަން ބަލަމުން ކަމަށް އެ ސަރަހައްދުގައި ހުރި ފުލުހަކު ނަން ނުޖެހުމަށް އެދި ބުންޏެވެ. ނަމަވެސް، ބޮޑަށް ބެލެވެނީ ގަސްތުގައި ރޯކޮށްލީ ކަމަށް ވެސް އޭނާ ބުންޏެވެ.
ކާރު ކައިރިއަށް އޭރު މަންޒަރު ބަލަން ގިނަ ބަޔަކު ޖަމާވި ނަމަވެސް، ކާރުގެ ވެރިފަރާތް އިސްމާއިލް ސުޖާއު ނުވަތަ އާއިލާގެ މީހަކު އެތަނުން ފެންނާކަށެއް ނެތެވެ. ބައެއް މީހުން ބުނިގޮތުގައި، އެ ކާރު ނުދުއްވައި ޕާކުކޮށްފައި އެމަގުގައި އޮންނަތާ ދެމަހެއްހާ ދުވަސްވެދާނެ އެވެ.