ރާއްޖެއިން ޗައިނާއާއެކު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަކީ އިންޑިޔާއާއެކު އޮތް ޒަމާންވީ ގުޅުން ނިމުމަކަށް އަންނާނެ ކަމެއް ނޫން ކަމަށާއި ސަރުކާރުން ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށްވެސް ހާއްސަ އިސްކަމެއްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޖެނެރަލް ސެކެރެޓަރީ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ޗަައިނާއާއެކު ބަދަހިވަމުންދާ ގުޅުމުގެ ސަބަބުން ރާއްޖެއާ އިންޑިޔާގެ ގުޅުން ހީނަރުވަމުންދާ ކަމަށް ދެކެވޭ ވާހަކައާ ގުޅޭ ގޮތުން ޑރ. ހަލީލް "ސަން" އަށް މިއަދު ވިދާޅުވީ، އެފަދަ އެއްވެސް ކަމެއް ވެގެން ނުދާނެ ކަމަށާއި އެއީ އިދިކޮޅު ފަރާތްތަކުން، ވަކި ސިޔާސީ ބޭނުމެއް ހޯދަން ފަތުރަމުންދާ އަޑުތަކެއް ކަމަށެވެ.

ހަލީލް ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ވަރަށް ވަރުގަދަ ސިޔާސަތެއް ކަމަށާއި ދޭދޭ ގައުމު ތަކުގެ މެދުގައި ރާއްޖެއިން ބާއްވަން ޖެހޭ ގުޅުން އަބަދުވެސް ބާއްވަމުންދާނެ ކަމަށެވެ. އަދި ޗައިނާއާ އެކު ވެވޭ މިނިވަން ވިޔަފާރީގެ އެއްބަސް ވުމަކީ އެހެން ގައުމަކާ އެކު ކުރެވޭ ވިޔަފާރިތަކަށް އެކަމުން ބުރުލެއް އަރާނެ ކަމެއް ނޫން ކަމަށެވެ.

ޑރ. ހަލީލް ވިދާޅުވީ ބައެއް ފަރާތްތަކުން ޗައިނާ ރާއްޖެ ހިމެނޭ މިނިވަން ވިޔަފާރީގައި އޮތް އެއްޗެއް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް އެ އެއްބަސްވުމުގައި އޮތް ކޮންމެ މާއްދާއަކުންވެސް ފައިދާ ކުރާނީ ދިވެހިންނަށް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުގެ ސަރުކާރެއްގައި، ޗައިނާއާ ރާއްޖެއާ ދެމެދުގައި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އަލުން މުރާޖާ ކުރާނެ ކަމަށް ބުނެފައިވާ ބުނުމަށް ރައްދު ދެއްވަމުން ޑރ. ހަލީލު ވިދާޅުވީ އިދިކޮޅުގައި އެވަރުގެ ހަކަތައެއް ނުހުންނާނެ ކަމަށެވެ. އަދި ވިދާޅުވީ ހަކަތައެއް ހުރިނަމަ މަޖިލީހުގައި ބޭއްވި އެ އެއްބަސްވުމާ ގުޅޭ ބަހުސްގައި ބައިވެރިވާނެ ކަމަށެވެ.

ޑރ. ހަލީލް ވިދާޅުވީ، މިވީ ހަތަރު އަހަރުގެ މުއްދަތުގެ ތެރޭގައިވެސް އިދިކޮޅަށް ސަރުކާރުގެ އިގްތިސާދީ ސިޔާސަތާ ގުޅޭ ގޮތުން ބިނާ ކުރުވަނިވި ފާޑެއް ނުކިޔޭ ކަމަށާއި ދެންވެސް ކިޔޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރުން ކުރިއަށްދާނީ އިންޑިޔާ އަދި ޗައިނާވެސް ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ދެކި އެ ދެ ގައުމުވެސް ގޮވައިގެން ކަމަށެވެ.