ގަންދިނަގަރު (ޑިސެމްބަރު 19): އިންޑިއާގެ ގުޖުރާތުގައި މި މަހު ބޭއްވި މަޖިލިސް އިންތިހާބުގައި އެ ގައުމުގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ން ގިނަ އަދަދެއްގެ ގޮނޑި ކާމިޔާބުކޮށް، އެސްޓޭޓުގައި އޮތް ބީޖޭޕީގެ ސަރުކާރު ދަމަހައްޓައިފި އެވެ.

ގުޖުރާތުގެ ގާނޫނު ހަދާ މަޖިލީހުގެ 182 ގޮނޑީގެ ތެރެއިން 99 ގޮނޑި ބީޖޭޕީން ކާމިޔާބު ކުރި އިރު އިދިކޮޅު ކޮންގްރެސް ޕާޓީން ވަނީ 77 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ގުޖުރާތުގައި ބީޖޭޕީގެ ފަރާތުން ވަރުގަދައަށް ކެމްޕެއިން ކުރެއްވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެއީ ތާރީހީ ނަތީޖާއެއް ކަމަށާއި ރައްޔިތުން ވޯޓު ދިނީ ތަރައްގީއަށް ކަމަށް ވިދާޅުވެފަ އެވެ. އަދި އެއިންތިހާބުގައި ބަލި ގަބޫލު ކުރައްވަމުން ކޮންގްރެސްގެ ރައީސް ރާހުލް ގާންދީ ވަނީ ރައްޔިތުންގެ ނިންމުން ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ، ގުޖުރާތުގެ ސަރުކާރަށް މަރުހަބާ ވިދާޅުވެފަ އެވެ.

ފާއިތުވި 22 އަހަރު ބީޖޭޕީގެ ވެރިކަން އޮތް ގުޖުރާތުގެ އިންތިހާބަކީ ރާހުލް ގާންދީ ކޮންގްރެސްގެ ރައީސް ކަމަށް މިދިޔަ ހޮނިހިރު ދުވަހު ވަޑައިގެންނެވި ފަހުން ބޭއްވި ފުރަތަމަ އިންތިހާބެވެ. އެހެންކަމުން އެއިންތިހާބު ކާމިޔާބު ކުރުމަށް ޓަކައި ބޮޑުވަޒީރު މޯދީއާ އެއްވަރަށް ގާންދީ ވެސް ވަނީ ކެމްޕެއިން ކުރައްވައިފަ އެވެ.

އަދި އެއިންތިހާބުގައި ބީޖޭޕީއަށް ކުރިއެރުން ލިބުނު ނަމަވެސް ކުރިއާ އަޅާބަލާ އިރު އެޕާޓީއަށް އޮތް ތާއިދު ވަނީ ކުޑަވެފަ އެވެ. އެގޮތުން 2012 ވަނަ އަހަރު ބީޖޭޕީން ވަނީ ގުޖުރާތުގެ މަޖިލިސް އިންތިހާބުގައި 115 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ގުޖުރާތުގެ އިތުރުން ހިމާޗަލް ޕްރަދޭޝްގެ މަޖިލިސް އިންތިހާބުގެ ނަތީޖާ ވެސް އިއްޔެ ވަނީ ހާމަކޮށްފަ އެވެ. އެ މަޖިލީހުގައި ހުންނަ 68 ގޮނޑީގެ ތެރެއިން 44 ގޮނޑި ބީޖޭޕީން ކާމިޔާބުކޮށްފައިވާ އިރު ކޮންގްރެސްއަށް ލިބުނީ 21 ގޮނޑި އެވެ. (އަލްޖަޒީރާ)