އދ. (ޑިސެމްބަރު 19): ގުދުސަކީ އިސްރާއީލްގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަތުމުން އެކަމާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާ އިން ވީޓޯކޮށްފި އެވެ.

މިސްރުން ހުށަހެޅި އެގަރާރުގައިވާ ގޮތުން ގުދުސްގެ ހާލަތާ ބެހޭ ގޮތުން ނިންމާ އެއްވެސް ނިންމުމެއްގެ ސަބަބުން ގުދުސްގެ ގާނޫނީ ހައިސިއްޔަތަށް ބަދަލެއް އައިސްގެންނުވާނެ އެވެ.

އެ ގަރާރު ވީޓޯ ކުރައްވަމުން އެމެރިކާގެ ސަފީރު ނިކީ ހޭލީ ވަނީ އެމެރިކާގެ ނިންމުން ދިފާއު ކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ޔަހޫދީންގެ ސިޔާސީ، ސަގާފީ އަދި ދީނީ ވެރިރަށުގެ ގޮތުގައި ގުދުސް އޮންނަތާ އެތައް ހާސް އަހަރުވެއްޖެ ކަމަށާއި އެމެރިކާ އިން އެމްބަސީއެއް ބަހައްޓާނެ ތަނެއް ނިންމުމުގެ މިނިވަންކަން އެގައުމަށް ލިބިގެންވާ ކަމަށް ހޭލީ ވިދާޅުވި އެވެ.

އެމެރިކާ އިން އެގަރާރު ވީޓޯ ކުރީ ސަލާމަތީ މަޖިލީހުގެ 14 މެމްބަރުން އެގަރާރަށް ތާއިދުކޮށްފައި ވަނިކޮށެވެ.

އިސްރާއީލުން 1967ގައި އިރުމަތީ ގުދުސް ހިފައި، ގުދުސަކީ އެ ގައުމުގެ ވެރިރަށް ކަމަށް ބުނި ނަމަވެސް ބައިނަލްއަގުވާމީ ދުނިޔެ އިން އެކަން ބަލައިގަނެފައެއް ނުވެ އެވެ. ނަމަވެސް އެމެރިކާ އިން އެ މައްސަލައާ ބެހޭ ގޮތުން ގެންގުޅޭ ސިޔާސަތު ބަދަލުކުރިކަން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިމަހު ވިދާޅުވެފަ އެވެ.

އޭގެ ސަބަބުން އަރަބި ދުނިޔޭގައި ގިނަ ބަޔަކު ދަނީ ނުރުހުންފާޅުކޮށް މުޒާހަރާކުރަމުންނެވެ. (ބީބީސީ)