އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމް "ޓައިގާ ޒިންދާހޭ"ގެ ގިނަ ޝޯވްތަކެއް މިހާރު ހައުސްފުލްވެފައިވާ ކަމަށް ފިިލްމްގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް ބުނެފިއެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކުރި ޓުވީޓެއްގައި ބުނީ ފިލްމްގެ ޓިކެޓް ވިއްކަން ހުޅުވާލިތާ މާގިނަ އިރުތަކެއް ނުވަނީސް ގިނަ އަދަދެއްގެ ޝޯވްތައް ހައުސްފުލްވެފައިވާ ކަމަށާއި އެކަމުން ވެސް އެ ދައްކުވައިދިނީ ފިލްމަށް ބެލުންތެރިން އިންތިޒާރު ކުރަމުން އަންނަކަމާއި ފިލްމްގެ ފެށުން ރަނގަޅުވާނެ ކަމުގެ ހެއްކެއް ކަމަށެވެ.

ކެޓްރީނާ ކައިފް އާއި ސަލްމާންހާން ލީޑް ރޯޅުން ފެނިގެންދާ މި ފިލްމަކީ 2012 ވަނަ އަހަރު ނުކުތް 'އޭކް ތާ ޓައިގާ'ގެ ސީކުއަލް އެކެވެ. ފިލްމްގެ ޓްރެއިލާ އަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވުމުން ގިނަ ބަޔަކު ދެކޭ ގޮތުގައި މި ފިލްމް ވެގެންދާނީ އަހަރުގެ އެންމެ މޮޅު އެއް ފިލްމަށެވެ.

ފިލްމްގައި ސަލްމާން ވެސް ކެޓްރީނާވެސް ގިނަ އަދަދަކަށް އެކްޝަން ރޯލު ކުޅޭއިރު އެ ފިލްމަކީ ޔާޝްރާޖް ފިލްމްސް އިން ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

ފިލްމުގައި ދައްކުވައިދޭނީ އިރާގުގެ ޓެރަރިސްޓް ޖަމާއަތެއްގެ އަތްދަށުގައި ތިބި އިންޑިޔާ ނަރުހުން ތަކެއް އަތުލައިގަންނަން އެ މީހުންގެ ސިއްރު ފުލުހަކާއި ޕާކިސްތާނުގެ އެޖެންޓަކު ކުރާ މަސައްކަތްތެވެ.