ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ )ޑީޑީ( އާއި ޑިފެންސް މިނިސްޓަރު ތަލްހަތަށް މަޖިލީހުން ރުހުން ނުދިނުމަށް އިދިކޮޅު އިއްތިހާދުން މިރޭ ނިންމައިފި އެވެ.

ވިހި މެންބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހުގެ އިދުކޮޅު އިއްތިހާދުގެ މެންބަރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު މިރޭ ވިދާޅުވީ ޑީޑީ އާއި ތަލްހަތަށް ރުހުން ނުދިނުމަށް ނިންމީ މިރޭ ނަސަންދުރާގައި ބޭއްވެވި އިދިކޮޅު އިއްތިހާދުގެ ޕާލަމެންޓްރީ ބަންދަލުވުމެއްގައި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުގެ މެދުގައި ނެގި ވޯޓްގެ އިއްތިފާގުން ޑީޑީ އާއި ތަލްހަތަށް ރުހުން ނުދިނުމަށް ފާސްވެފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަދަދެއް އޭނާ ވިދާޅެއް ނުވެ އެވެ.

މަހުލޫފު ވިދާޅުވީ ފިޝަރީޒް މިނިސްޓަރު ކަމަށް ދެވަނަ ފަހަރަށް ރައީސް ނަޝީދު އައްޔަށް ކުރެއްވި ޑީޑީއަށް ރުހުން ނުދިނުމަށް ނިންމެވީ އެމަނިކުފާނަކީ ކުރިންވެސް މަޖިލީހުގެ ރުހުން ނުލިބިގެން ވަޒީރުކަމުން ދުރު ކުރައްވާފައިވާ ބޭފުޅެއްކަށްވާތީ ކަމަށެވެ.

މިދިޔަ ޖޫން މަހުގެ 21 ގައި ޑިފެންސް މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކުރެއްވި ތަލްހަތަށް ރުހުން ނުދިނުމަށް ނިންމީ މިދިޔަ ޖުލައި މަހުގައި 13ގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލިސް މެންބަރު ތަޅުމުގައި ބަންދުކޮށް، "ހައިޖެކް" ކުރި މައްސަލާގައި އެމްއެންޑީއެފުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ ކަމަށެވެ. އަދި އެދުވަހު މަޖިލިސް ކައިރީގައި ހިނގައިދިޔަ މުޒާހަރާގައި މެންބަރުންނާ ދިމާލަށް ތަފާތު އެއްޗެހި އުކައި މެންބަރުނަށް އަނިޔާވިއިރު، މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަމުންދާ އެމްއެންޑީއެފުން އެކަށީގެންވާ ފިޔަވަޅުތަކެއ އެޅިފައި ނުވާ ކަމަށް މަހުޅުފު ވިދާޅުވި އެވެ. މަޖިލީހުގެ ޖަލްސާތައް ހުއްޓުވާ ކަމަށް ބުނެ، އެ މައްސަލަ ހައްލުކުރަން އެމްޑީޕީގެ ހުރިހާ ދާއިރާތަކުން މެންބަރުން މާލެ އައިސް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގަރާރެއް ފާސްކުރެއްވި އިރު، ތޮލްހަތު ވެސް ވޯޓް ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ކޮމިޓީން ނިންމާފައިވަނީ ތަލްހަތަށް ރުހުން ދިނުމަށެވެ.

މާލޭގައި ތޮއްޖެހި، ޓްރެފިކް މައްސަލަތައް ބޮޑުވުމުންދާ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓާ އާދިލް ސަލީމް މަޖިލީހަށް ޖަވާބުދާރީ ނުވުމުން އާދިލް ސަލީމާ ދެކޮޅަށް އިމްތިޔާޒުގެ މައްސަލައެއް މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ހުށަހެޅުމަށް ވެސް މިރޭ ބޭއްވި ބައްދަލުވުމުގައި ނިންމާފައިވެ އެވެ. އަދި އެ މައްސަލަ ހުށަހަޅުއްވާނީ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.