ޝާހިދު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ބައްތީ ގުލް މީޓަރު ޗާލޫ'ގެ އަންހެން ލީޑަކީ އަރަމުން އަންނަ ތަރި، ވާނީ ކަޕޫރު ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ވާނީ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު، 'ބޭފިކްރޭ' އިންނެވެ. އެ ފިލްމުގައި ވާނީ އާއެކު ފެނިގެން ދިޔައީ ރަންވީރު ސިންގ އެވެ.

ޝްރީ ނާރަޔަން ޑައިރެކްޓު ކުރާ 'ބައްތީ ގުލް މީޓަރު ޗާލޫ' އަކީ އިންޑިއާގައި ބޮޑުވެފައިވާ ކަރަންޓުގެ މައްސަލައަށް އަލިއަޅުވާލައި އުފެއްދުމަށް ނިންމާފައިވާ ފިލްމެކެވެ.

މީގެ ކުރިން ބަތަލާ ކެޓްރީނާ ކައިފް އަދި ޝްރައްދާ ކަޕޫރު ވެސް ފިލްމުން ފެނިގެންދާނެ ކަމަށް ބައެއް ރިޕޯޓުތައް ބުންޏެވެ. ނަމަވެސް ޝާހިދު ވަނީ ފިލްމުގެ އަންހެން ލީޑު ހަމަނުޖައްސާ ކަމަށް އޭރު ބުނެފައެވެ.

ފިލްމުން ފެނިގެން ދާނީ ވާނީ ކަމަށް ޚަބަރުތައް ބުނަން ފަށައިފައި ވަނީ ފިލްމުގެ ޕްރޮޑިއުސަރުންނާ އެކު އޭނާ ކުރިއަށް ގެންދިޔަ ބައްދަލުވުންތަކެއްގެ ސަބަބުންނެވެ.

އަދި ވަރަށް އަވަހަށް ވާނީ ފިލްމަށް ސޮއި ކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

އަންނަ އަހަރުގެ ކުރީކޮޅު ރިތިކް ރޯޝަން އަދި ޓައިގާ ޝްރޯފް އާއެކު ވެސް އޭނާ ފިލްމެއްގެ މަސައްކަތް ފަށާނެ އެވެ. ނަމަވެސް އެ ފިލްމުގެ ކުރިން 'ބައްތީ ގުލް މީޓަރު ޗާލޫ'ގެ ޝޫޓިން ނިންމާނެ ކަމަށް ވެއެވެ.

ވާނީ ފިލްމަށް އެއްބަސްވެއްޖެ ނަމަ، ފިލްމު ވެގެންދާނީ ޔަޝް ރާޖް ފިލްމްސް ބެނާއިން ބޭރުން އޭނާ ކުރާ ފުރަތަމަ މަސައްކަތަށެވެ.

ޓީސީރީޒް އަދި ކޭއާރްއައިއާރްޖޭ ގުޅިގެން ޕްރޮޑިއުސްކުރާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޯގަސްޓު މަހުގެ 31 ވަނަ ދުވަހު އެވެ.