18 Dec 2017, 23:09
އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނާގައިވާ މެންޗެސްޓާ ސިޓީ އަތުލެވިދާނެ ކަމަށާއި އެކަން ނުކުރެވޭނެކަން ޔަގީންވާނަމަ މިހާރު ހުންނާނީ އާ އަހަރު ފާހަގަ ކުރަން ޗުއްޓީގައި ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.
ލީގުގައި ރޭ ވެސްޓްބްރޮމް އަތުން 2-1 އިން މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ އޭނާ ވެސް އަދި ކުޅުންތެރިން ވެސް މިވަގުތު ޗުއްޓީއެއް ބޭނުންނުވާ ކަމަށާއި އެންމެ ފަހުވަގުތާ ހަމައަށް ވެސް ލީގު ޗެމްޕިއަންކަން ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.
"އަހަރެމެން މިއުޅެނީ ސާކަސްއެއްގަ ނޫން. އަހަރެމެން ބޭނުން އެންމެ ފަހު މެޗާ ޖެހެންދެން ލީގު ހޯދުމަށް މަސައްކަތް ކުރަން. އަހަރެމެން އަދި ބޭނުމެއް ނޫން ޗުއްޓީ އަށް ދާކަށް." މޮރީނިއޯ ބުންޏެވެ.
އޭނާ މިހެން ބުނިއިރު ސިޓީ އާއި ޔުނައިޓެޑާ ދެމެދު 11 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ނަމަވެސް ސިޓީގެ ފަހަތުން ޔުނައިޓެޑް ދެ ވަނަގައި އޮތުމުން މޮރީނިއޯ ބުނީ ފުޓްބޯޅައިގައި ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަމަށާއި ޚާއްސަކޮށް އިނގިރޭސި ލީގަކީ ގޮތްގޭނގޭ ލީގެއް ކަމަށެވެ.
ކުރިން ޗެލްސީ އަށް ތިން ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން މޮރީނިއޯ ބުނީ އޭނާގެ ގޭމްޕްލޭނާ ބެހޭގޮތުން ޝަކުވާކުރަނީ ކޮންބައެއްކަން އަބަދުވެސް އެނގޭ ކަމަށާއި ނަމަވެސް ކޮންމެ ކޮންމެ ވާހަކައަކަށް ޖަވާބުދޭން ބޭނުންނުވާ ކަމަށެވެ.
ރޭ ވެސްޓް ބޮރޮމް އަތުން މޮޅުވުމާއެކު ޔުނައިޓެޑު އޮތީ ކުޅުނު 18 މެޗުން 41 ޕޮއިންޓާއެކު ތާވަލުގެ ދެވަނާގައެވެ. އެއްވަނައިގަ އޮތް ސިޓީ އަށް 18 މެޗުން ލިބިފައި ވަނީ 52 ޕޮއިންޓެވެ.