މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޮންޓްރެކްޓް އައު ކުރުމުގެ މަޝްވަރާތައް ވަރަށް އަވަހަށް ފެށުމަށް އެ ކްލަބުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެ ކުރިން ސްޕެއިންގެ ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާން މިއުނިކްގައި ކާމިޔާބު ގިނަ އަހަރުތަކެއް ހޭދަކުރުމަށްފަހު ގާޑިއޯލާ ސިޓީއާ ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައެވެ. އޭރު އޭނާ ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ވާ ގޮތުން ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2019 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަނުގެ ނިޔަލަށެވެ.

މިދިޔަ ސީޒަނުގައި ގާޑިއޯލާގެ ފަރާތުން ގިނަ ބަޔަކު އުއްމީދުކުރި ނަތީޖާ ފެނިފައެއް ނުވެއެވެ. އެގޮތުން މިދިޔަ ސީޒަނުގައި ޕްރިމިއަރ ލީގު ސިޓީން ނިންމާލީ ތިންވަނައިގައި އޮވެއެވެ. އަދި ޗެމްޕިއަންސް ލީގު އަދި އިނގިރޭސި ލީގު ކަޕްގެ ދެވަނަ ބުރުން އެ ކްލަބު ވަނީ ކަޓާފައެވެ. އަދި އެފްއޭކަޕުން ސިޓީ ކެޓީ ސެމީފައިނަލްއާ ހިސާބުންނެވެ.

މި ސީޒަން ފެށިގެން ސިޓީގެ ފަރާތުން ފެންނަމުންދަނީ އެ ކްލަބުގެ ރައީސް ޝެއިހް މަންސޫރު އެދިވަޑައިގަންނަވާ ފެންވަރުގެ ކުޅުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމުގެ ސަބަބުން އޭނާގެ ކޮންޓްރެކްޓް އާ ކުރުމަށް ސިޓީން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގާޑިއޯލާއަށް އާ ކޮންޓްރެކްޓެއް ހުށަހަޅަން އުޅޭއިރު އޭނާގެ އިރުޝާދުގެ ދަށުން ސިޓީން އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޕްރިމިއާ ލީގުގެ ކުރީގައި އެ ޓީމަށް 11 ޕޮއިންޓްގެ ލީޑެއް ލިބިފައިވާއިރު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ވެސް އެ ޓީމު ވަނީ ޖާގާ ހޯދާފައެވެ.