ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެތުލެޓިކްސް ތައާރަފް ކުރުމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ކުރިޔަށް ގެންދާ ޕްރޮގްރާމްގެ ދަށުން ލ. އަތޮޅުގައި އައިއޭއޭއެފް ލެވެލް އެކެއްގެ ކޯޗިން ކޯހެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އަންނަ މަހުގެ 18 ވަނަ ދުވަހު ގަމުގައި ފެށުމަށް ހަމަޖެހިފައިވާ އެ ކޯހުގައި 24 ބައިވެރިންނަށް ފުރުސަތު ދޭނެ ކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ބުންޏެވެ. އެގޮތުން އަތޮޅުގެ ބައިވެރިންނަށް 18 ޖާގަ އަދި އަތޮޅުން ބޭރުން ހަ ބައިވެރިންނަށް ޖާގަ ދޭގޮތަށްވަނީ ހަމަޖެހިފައެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ މީގެކުރިން ހދ. ކުޅުދުއްފުށި، އަދި އައްޑޫ ސިޓީގައިވެސް އައި އޭ އެފް ކޯޗިން ކޯސްތައް ބާއްވާފައެވެ.

ސައުވީސް ބައިވެރިންނަށް ފުރުސަތުދޭގޮތަށް ހިންގާ ކޯހުން ލ. އަތޮޅުގެ ބައިވެރިންނަށް 18 ޖާގަ އަދި އަތޮޅުން ބޭރުން ހަ ބައިވެރިންނަށް ޖާގަ ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުންޏެވެ.

އެ ކޯހުގައި ކިޔަވައި ދިނުމަށް އައިއޭއޭއެފް އިން ހަމަޖައްސާފައިވަނީ ރާއްޖޭގެ މޫސާ ރަޝީދު (އެސްޕީ) އާއި އިންޑިއާގެ ލެކްޗަރާ އެކެވެ.

އެ ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް އެތުލެޓިކްސް އެސޯސިއޭޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ފޯމް ހުށަހެޅުމުގެ ފަހުގަޑިއަކީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.