18 Dec 2017, 22:34
ގދ. ގައްދުއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ގައްދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ލަބީބް "ސަން" އަށް ވިދާޅުވި މިއަދު ހެނދުނު 10:00 އިން ފެށިގެން އެރަށަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހަ ގެއަކަށް ވަރަށް ބޮޑަށް ފެން ވަދެ ފަރުނީޗަރުތަކާއި ހިފާ ގެންގުޅޭތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ގައްދޫއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެރަށުގައި ފެންބޮޑުވެފައި -- ފޮޓޯ: ގައްދޫ ކައުންސިލް
ލަބީބް ވިދާޅުވީ ވިއްސާރާއިގެ ސަބަބުން ފާހާނާތަކުގެ ޖަންކުޝަންތައް ވެސް ފުރި، ގިނަ ގޭގޭގެ ފާޚާނާތައް މިހާރު ބޭނުން ނުކުރެވޭ ކަމަށެވެ.
ވިއްސާރައިގެ ސަބަބުން ގައްދޫ ކައުންސިލްގެ އިދާރާ އާއި އެރަށު ކޯޓުގެ ސީލިން ވެއްޓި ދެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގައްދުއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެރަށުގެ ކޯޓަށް ގެއްލުންލިބިފައި -- ފޮޓޯ: ގައްދޫ ކައުންސިލް
ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފްއިން ބުނީ، ގައްދޫގެ ކައުންސިލާއި ފުލުހުންނާ ގުޅިގެން ޕަންޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ސިފައިން މިހާރު ކުރިއަށްދާ ކަމަށެވެ.