ލަންޑަން (އޮގަސްޓް 9) : މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިނގިރޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވައި ޤައުމަށް ހަމަޖެހުން ގެނައުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވިދާޅުވެއްޖެވެ.

ލަންޑަންގެ 10 ޑައުނިންގ ސްޓްރީޓްގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގައި މިއަދު ބޭއްވި ގަވަރމެންޓް އިމަރޖެންސީ ކޮމިޓީ (ކޯބްރާ) ގެ ބައްދަލުވުމެއްގެ ރިޔާސަތު ބެލެހެއްޓެވުމަށްފަހު ކެމެރޮން ވިދާޅުވީ މިމައްސަލައާބެހޭ ގޮތުން އިތުރަށް މަޝްވަރާ ކުރުމަށްޓަކައި (އިނގިރޭސި ޕާލަމެންޓް) ހައުސް އޮފް ކޮމަންސްގެ އިސްތިސްނާއީ ޖަލްސާއެއް އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް އޭނާ ގޮވާލައްވާފައިވާ ކަމުގައެވެ.

މިއީ ހައުސް އޮފް ކޮމަންސްގެ ޗުއްޓީ ދުވަސްވަރު ކަމަށްވާތީ މިދުވަސްވަރު އެމަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ އިސްތިސްނާއީ ގޮތެއްގައެވެ. ކެމެރޮން ވިދާޅުވީ ފުލުހުންގެ ހުރިހާ ޗުއްޓީތަކެއް ކެންސަލް ކުރެވިފައިވާ ކަމަށާއި ލަންޑަންގެ މަގުތަކަށް 16 ހާސް ފުލުހުން މިއަދު ނެރެފައިވާނެ ކަމުގައެވެ. ކެމެރޮން އިތުރަށް ވިދާޅުވީ ހަމަނުޖެހުން ހިންގައި ޢިމާރާތްތަކާއި ފިހާރަތަކުގައި ހުޅުޖަހައި ވައްކަމާއި ލޫޫޓުވުމުގެ ޢަމަލުތައް ހިންގާ މީހުންނަށް ދޫނުދެއްވާނެ ކަމަށާއި އެމީހުންނަކީ މުޖްރިމުން ކަމަށާއި އެމީހުންގެ މައްސަލަ ޝަރީޢަތަށް ހުށަހަޅުއްވާނެ ކަމުގައެވެ.

ލަންޑަންގައި މިދިޔަ ހޮނިހިރު ދުވަހު ފެށުނު ހަމަނުޖެހުންތައް އިތުރަށް ބޮޑުވެ ފުޅާވެގެންދިޔައީ ފުލުހުން ގެ ޙަމަލާއެއްގައި 26 އަހަރުގެ ޒުވާނަކު މަރުވުމުން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. 26 އަހަރުގެ ޒުވާނާ މަރުވީ ފުލުހުން ބަޑިން ދިން ޙަމަލާތަކެއްގައި ކަމަށާއި އޭނާގެ ގައިގެ އެތަށް މިތަނަށް ވަޒަންތައް އަރާފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. ލަންޑަންގައި ފެށުނު ހަމަނުޖެހުންތައް މިހާރުވަނީ ލިވަރޕޫލް، ބަރމިންގހަމް އަދި ބްރިސްޓޯލް ފަދަ ބޮޑެތި ރައްތަކަށް ވެސް ފެތުރިގެންގޮސްފައެވެ. ނަމަވެސް ހަމަނުޖެހުންތައް އަދިވެސް އެންމެ ބޮޑީ ލަންޑަނުގެ އެކި އަވަށްތަކުގައެވެ.

އިނިގިރޭސި ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުތަކާގުޅިގެން ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުންނާއި ފުލުހުން ޒުވާނަކު މަރާލި މައްސަލާގައި ރުޅިގަދަވެފައިވާ އިނގިރޭސި ޒުވާނުންވަނީ ލަންޑަންގެ ދެކުނުގެ ބެކަމް އާއި ކްރައިޑޯން އާއި ހުޅަނގުގެ އީލިންގ އާއި އިރުމަތީ އަވަށެއްކަމަށްވާ ހެކްނީ ގައި ހުޅުޖެހުމާއި ލޫޓުވުމުގެ ޢަމަލުތައް ފުޅާދާއިރާއެއްގައި ހިންގާފައެވެ.

މޫނު ނިވާކޮށްގެންތިބި ޒުވާނުން ބޮޑެތި ޝޮޕިންގ މޯލްތަކަށާއި ސްޕަރމާކެޓްތައް ހަލާކުކޮށް އެތަންތަނަށް ވަދެ ބާރުގެ ބޭނުންކޮށްގެންނާއި ބިރުދައްކައިގެން ވަނީ އެތަންތަން ލޫޓުވައި ފުޅާދާއިރާއެއްގައި ވައްކަމާއި ފޭރުމުގެ ޢަމަލުތައް ހިންގާފައެވެ. މި ޢަމަލުތައް ހިންގި ޒުވާނުން ބުނަމުން ގެންދަނީ އެމީހުންގެ ބޭނުމަކީ އެމީހުން ބޭނުންކަމެއް ބޭނުންގޮތަކަށް ކުރާނެކަން ޤައުމުގެ މުއްސަނދިންނަށާއި ފުލުހުންނަށް ހާމަކޮށްދިނުން ކަމުގައެވެ.

ބޮޑުވަޒީރު ޑޭވިޑް ކެމެރޮންގެ ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުތަކުގެ ސަބަބުން ނިކަމެތިންނާއި މެދުފަންތީގެ މީހުންގެ ވަޒީފާތައް ގެއްލި އެމީހުން އިތުރަށް ފަގީރުވެފައިވާއިރު މުއްސަނދިން އެތަށް ގުނައަކަށް މުއްސަނދިވެފައިވާ ކަމަށް ޚަބަރުފަތުރާ ވަސީލަތްތަކަށް ދީފައިވާ ބަޔާންތަކުގައި އިނގިރޭސި ޒުވާނުން ބުނެފައިވެއެވެ. ލަންޑަންގައި ނުކުންނަ ދަ ގާޑިޔަން ނޫސް ބުނާގޮތުން ވޭތުވެދިޔަ އަހަރުތަކުގައި އިނގިރޭސި މުއްސަނދިންގެ މުއްސަނދިކަން 100 ގުނައަށް ބޮޑުވެފައިވާއިރު ފަގީރުންވަނީ އެތަށް ރޮނގެއްގައި އިތުރަށް ފަގީރުވެފައެވެ.

އިނގިރޭސިވިލާތުގައި މުއްސަނދިންގެ ގޮތުގައި އާބާދީގެ އެންމެ 10 % މީހުން ތިބުމަކީ ޤައުމުގެ އިޖްތިމާޢީ ޢަދާލަތު ގެއްލި މުއްސަނދިންނާއި ފަގީރުންގެ ތަފާތު ބޮޑުވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް ގާޑިޔަން ނޫހުގައި މިއަދު ޝާއިޢުކޮށްފައިވާ ލިޔުމެއް ބުނެއެވެ.
(ބީ.ބީ.ސީ+ ދަ ގާޑިޔަން ނޫސް)