18 Dec 2017, 19:53
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުރިން ކޯޗުކޮށްދީފައިވާ ޕީ.ޑީ ސިރިސޭނާ މިއަދު މަރުވެއްޖެ އެވެ.
ސްރީ ލަންކާގެ ފުޓުބޯޅަ އަށް ވެސް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ސިރިސޭނަ މަރުވީ އުމުރުން 77 އަހަރުގައެވެ. އޭނާ މަރުވީ ވަރަށް ބޮޑަށް ބަލިވެ އުޅުމަށްފަހު މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ސިރިސޭނާ ނިއު އަށް އެންމެ ފުރަތަމަ ކޯޗުކަން ކޮށްދިނީ 1987 ވަނަ އަހަރުއެވެ. އެއާއެކު އޭނާ ވެގެން ގޮސްފައި ވަނީ ބިދޭސީ ޓީމަކަށް ކޯޗުކޮށްދިން ފުރަތަމަ ލަންކާ ކޯޗަށެވެ. ނަމަވެސް ނިއުއާ އެކު އެއްވެސް ތައްޓެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވެފައެވެ.
ސިރިސޭނާ ވަނީ ލަންކާ ގައުމީ ޓީމަށް ވެސް ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދީފަ އެވެ. އަދި ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމް ވެސް އޭނާ ވަނީ ފުރާފައެވެ. މީގެ އިތުރުން އޭނާ އަކީ އޭއެފްސީއިން ކޯޗިން އިންސްޓްރަކްޓަރަކަށް ހަމަޖެއްސި ލަންކާ ފުރަތަމަ ކޯޗު ވެސް މެއެވެ.
މީގެ ތިން އަހަރު ކުރިން 2014 ވަނަ އަހަރު ލަންކާ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ދުނިޔޭގެ ފުޓްބޯޅަ ޖަމްއިއްޔާ ފީފާ އިން ވަނީ ސިރިސޭނާ އަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ދީފައެވެ.